ދުނިޔޭގައި އެންމެ ފަހުން އުފެދުނު މިނިވަން ދައުލަތްކަމަށްވާ ދެކުނު ސޫދާނުގައި ކުރި ބަޣާވާތެއް މިއަދު ހުއްޓުވައިފިއެވެ.

ދެކުނު ސޫދާނުގެ ނޫހެއް ކަމަށްވާ ސޫދާން ޓްރައިބިއުން ބުނީ ބަޣާވާތް ހުއްޓުވައި އެކަމުގައި ބައިވެރިވި އެގައުމުގެ ކުރީގެ މިނިސްޓަރަކު މިއަދު ހެނދުނު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ސޫދާނުގެ ރައީސް ސަލްވާ ކީރް ވިދާޅުވި ކަމަށް އެނޫހުން ބުނީ އެ ގައުމުގެ ސިފައިންގެ ތެރޭގައި ހިނގި ހަމަލާ ބަދަލުކުރުން ތަކަކީ ބަޣާވާތެއް ކަމަށެވެ. އަދި އެކަމުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ކީރް ވިދާޅުވި ކަމަށް އެނޫހުން ބުންޏެވެ.

ކީރް ވަނީ ބަޣާވާތުގެ ޒިންމާ ކުރީގެ ނައިބު ރައީސް ރިއެކް މަޗާރްގެ އިސްތަށިފުޅުގައި އަޅުއްވާފައެވެ. އޭނާ ވިދާޅުވީ ވެރިރަށް ޖޫބާގައި ހުރި ސިފައިންގެ މައި މަރުކަޒަށް ހަމަލާ ދިނީ މަޗާރްއަށް ވާގިވެރިވާ ސިފައިން ކަމަށެވެ.

ބަޣާވާތާ ގުޅިގެން ދެކުނު ސޫދާނު ސިފައިން އެގައުމުގެ ކުރީގެ މިނިސްޓަރެއް ކަމަށްވާ ގީރް ޗުއާން އަލޫން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސޫދާން ޓްރައިބިއުން އިން ބުންޏެވެ. ނަމަވެސް އޭނާ ބަޣާވާތުގައި ބައިވެރިވީ ސީދާ ކޮން ގޮތަކަށް ކަމެއް ސޫދާނު ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ސިފައިންގެ ތެރޭގައި ހަމަލާތަކެއް ބަދަލު ކުރި ނަމަވެސް މިހާރު ވެރިރަށް ޖޫބާ އޮތީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް ނޫސް ކޮންފަރެންސްގައި ރައީސް ކީރް ވަނީ ވިދާޅުވެފައެވެ.