16 Dec 2013, 18:08
ވައިގެ ދަތުރުފަތުރުން ދިވެހިން އަތުން ޖީއެސްޓީ ނަގާ މިންވަރު ހަ ޕަސެންޓަށް ކުޑަކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.
ޖީއެސްޓީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާ ގުޅިގެން އެތެރޭގެ އުދުހުންތަކުން ޖީއެސްޓީގެ ގޮތުގައި ދިވެހިންގެ އަތުން ވެސް ނަގަނީ ޓޫރިސްޓުންނެކޭ އެއްގޮތަށް 8 ޕަސެންޓެވެ.
ރައީސް އޮފީހުން ބުނީ އެތެރޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ފަރާތްތަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތުން ނަގާ ޓެކްސް، ޓޫރިސްޓުންނެކޭ އެއްފަދައިން ދިވެހިންގެ އަތުންވެސް ނެގެނީ، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޓެކްސް ނެގޭ ރޭޓުން ކަމަށްވާތީ، އެކަން އިޞްލާޙުކޮށް، އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ޓެކްސް ނެގޭ ރޭޓުން ދިވެހިންގެ އަތުން އެ ޓެކްސް ނެގޭނެ ގޮތަށް ހަމަޖެއްސުމުގެ އިތުރުން، މުވާޞަލާތީ ވަސީލަތްތަކުން މުދަލާއި ޚިދުމަތުން ޓެކްސް ނެގުން ތަޢާރަފުކުރުމަށްޓަކައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ކަމަށެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ތިން ގާނޫނަކަށް ގެންނަން ޖެހޭ އިސްލާހުތައް ސަރުކާރުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.
ސަރުކާރުން އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނީ ރާއްޖޭގެ އެއާޕޯޓަކުން ފުރާ ފަސިންޖަރުންގެ އަތުން މިހާރު ނަގަމުން ގެންދާ 18 ޑޮލަރުގެ ބަދަލުގައި، އެއަދަދު 25 ޑޮލަރަށް އިތުރުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއާޕޯޓް ސާވިސް ޗާޖް ނެގުމާބެހޭ ގާނޫނަށް ގެންނަ އިސްލާޙާއި ރިޒޯޓް ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމަށް އިތުރުކުރެވޭ މުއްދަތާ ގުޅިގެން އެތަންތަނަށް ދައްކަންޖެހޭ ފީއާ ބެހޭގޮތުން، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް ގެންނަ އިސްލާހު އަދި ޓޫރިޒަމާބެހޭ ގާނޫނުގެ ދަށުން ނަގާ ބެޑް ޓެކްސް މިއަހަރުގެ ޑިސެންބަރު މަހުގެ 31ގެ ނިޔަލަށް ނިމުމަކަށް އަންނާނެ ކަމަށް، އެ ގާނޫނުގައި ބަޔާންކުރާތީ، އެ މުއްދަތު 2014 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށް، ބެޑް ޓެކްސް ނެގެމުންދާނެ ގޮތަށް ހަމަޖެއްސުމުގެ އިތުރުން، އެ ގާނޫނުގެ ދަށުން ނަގާ ބެޑް ޓެކްސް ނެގުމާ ގުޅޭގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިދޭ ބާރުތައް ބަޔާންކުރާ އިޞްލާޙެވެ.