އއ. މަތިވެރި ކައުންސިލްގެ ރައީސް އިސްމާއީލް އާތިފްގެ އިތުބާރުނެތްކަމުގެ ވޯޓު ނަގާފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

މަތިވެރި ކައުންސިލްގެ ރައީސް އިސްމާއީލް އާތިފްގެ އިތުބާރު ނެތްކަމަށް ފާސްކުރި މައްސަލަ ބެއްލެވުމަށްފަހު އެއަތޮޅު އުކުޅަހު ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު މުއާވިޔަތު ގާސިމް ކުރެއްވި ހުކުމްގައި ބުނެފައި ވަނީ އިތުބާރު ނެތްކަމަށް ބޭނުންވާ ވޯޓު ހަމަކޮށްފައި ވަނީ ރިޔާސަތު ބެލެހެއްޓެވި ނާއިބް ރައީސް އަބްދުލްމަޖީދު އަބްދުލްގާދިރު ވޯޓުދެއްވައިގެން ކަމަށެވެ.

މަތިވެރި ކައުންސިލުން ކަމެއް ނިންމުމަށްޓަކައި ނެގޭ ވޯޓެއްގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާ ފަރާތަށް ވޯޓުދެވޭނީ ފެންނަނަ ނުފެންނަ ވޯޓު ހަމަހަމަވާ ހާލަތްތަކުގައި އެކަނިކަމަށް ކައުންސިލްގެ ހިންގާ ގަވާއިދުގައި ބުނެފައިވާ ކަމަށް އެ ހުކުމް ގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އާތިފްގެ އިތުބާރު ނެތްކަމަށް ނިންމާފައިވާ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.