ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުން މަނާކޮށް، އެފަދަ އަމަލު ހިންގުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާ "އެންޓި ޓޯޗާގެ ބިލު" ރައްޔިތުންގެ މަޖިލީހުން މިއަދުގެ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ 2011 ވަނަ އަހަރު މަޖިލީހަށް ހުށަހެޅުއްވި ބިލް ގައުމީ ސަލާމަތު ކޮމެޓީން ދިރާސާ ކުރުމަށްފަހު، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން އެ ބިލް ފާސްވީ ވޯޓުގައި ބައިވެރިވި 53 މެމްބަރުންގެ އިއްތިފާގުންނެވެ.

ބިލުގައި ބުނެފައިވާ ގޮތުން ޓޯޗާއަކީ ޖިނާއީ ވަކި ކުށެކެވެ. ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅޭ އެއްވެސް ބަޔާނަކީ ނުވަތަ އިއުތިރާފަކީ ޓޯޗާގެ އަމަލެއްގެ ސަބަބުން ދީފައިވާ ބަޔާނެއް ނުވަތަ އިއުތިރާފެއް ކަމުގައިވާނަމަ އެ ހެކި ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށް ބިލުގައި ބުނެ އެވެ.

ބިލުގައި ޓޯޗާގެ އަމަލަކީ ކޮބައިކަން ތަފްސީލުކޮށް ބަޔާންކޮށްފައިވެ އެވެ. އެގޮތުން މާއްދީ އަނިޔާގެ ގޮތުގައި 33 ކަމެއް ބިލުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގަޑިން ގަޑިއަށް ކާން ނުދިނުމާއި ކާންދޭންޖެހޭ ވަގުތުގައި ކާން ނުދިނުމާއި ނުވަތަ ކުނިވެފައި ހުންނަ އެއްޗެއް ކާންދިނުން ނުވަތަ އިންސާނުންގެ ކެއުމަށް ކަމުނުދާ އެއްޗެހި ކާންދިނުމާއި ޖިންސީ ގުނަވަނެއްގައި ޖެހުމާއި ހޫނޮށްފައިވާ އެއްޗެއް ގައިގައި ޖެއްސުމާއި އޮލަނބަށް ނެގުމާއި ނުވަތަ އޭންގަލަށް ނެގުމާއި ގަދަކަމުން ޖިމާއުވުމަކީ ވެސް މާއްދީ އަނިޔާ ކަމުގައި ބިލުގައި ބުނެފައިވެ އެވެ.

ބިލު ބުނާ ގޮތުން އަނިޔާގެ އަމަލެއްގެ ސަބަބުން ހަށިގަނޑުގެ ގުނަވަނެއް ނެތި ހިނގައްޖެނަމަ އެ އަމަލެއް ހިންގި މީހަކު 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ގަދަކަމުން ޖިމާއުވުމާއި ކުޑަކުއްޖަކާއެކު އެފަދަ އަމަލެއްކޮށްފިނަމަ ވެސް 15 އަހަރާއި 25 އަހަރާ މެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބިލުގައި ބުނެ އެވެ.

ގަދަކަމުން ޖިމާއުވުމުން ބުއްދި ގޯސްވެ، ނުވަތަ ދަރިން ނުލިބޭ ގޮތް މެދުވެރިވެ، ނުވަތަ ހަނދާން ނުހުންނަ ގޮތް މީހަކަށް ކުރިމަތިވެއްޖެނަމަ އެކަން ކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.