16 Dec 2013, 15:25
ކ. މާފުށީގައި ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މާފުށީ ކައުންސިލް މެމްބަރު އަބްދުލް މުފީދު ވިދާޅުވީ މިއަދު މެންދުރު 1:10 އެހައިކަންހާއިރު ތޫނުއެއްޗަކުން ހަމަލާދިނުމުން ޒަޚަމްވެފައި ވަނީ އެރަށު މީނާޒު، އިސްމާއީލް ޒާހިރު،33، އަށް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ އެރަށު ޑައިވިން ސެންޓަރު ސަރަހައްދުގައި ކަމަށާއި އަނިޔާ ލިބުނު މީހާއަށް ސިއްހީމަރުކަޒުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
އެ ހަމަލާގެ ސަބަބުން އިސްމާއީލް ޒާހިރުގެ ބުރަކަށީގެ ވާއަތްފަރާތު ކޮނޑުހުޅުން ފެށިގެން މައިބަދައާ ހިސާބަށް ކަފައިގެން ގޮސްފައި ވެއެވެ. އަދި ފުން ޒަޚަމްތަކެއް ވެސް ލިބިފައި ވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.