ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 12:00އާ ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް 25 ރުފިޔާ ނެގޭ ގޮތަށް ހަމަޖައްސައި ޓެކްސީގެ ގަވާއިދު ގެޒެޓުކޮށްފި އެވެ.

އެ ގަވާއިދު ބުނާގޮތުން ރޭގަނޑު 12:00 އިން ހެނދުނު 6:00އާ ދެމެދު ކުރާ ދަތުރުތަކަށް ނަގާނީ 30 ރުފިޔާ އެވެ.

ކާރުގެ ޑިކީއަށް ދާގީނާއެއް ލައިގެން ކުރާ ދަތުރެއްނަމަ ދަތުރުފީގެ އިތުރަށް ފަސް ރުފިޔާ ނަގަންޖެހޭނެ ކަމަށާއި އަދި އެއް ދާގީނާއަށް ވުރެ އިތުރު ނަމަ 10 ރުފިޔާ ނެގޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

ޓެކްސީ ދަތުރުގެ ފީ އެގޮތަށް ހަމަޖައްސާފައިވީ ނަމަވެސް އެއަށްވުރެ ކުޑަކޮށް އަގާއި ފީ ނެގުމުގެ އިޚްތިޔާރު ޓެކްސީގެ ވެރިޔާއަށް ލިބިގެންވާ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

އެ ގަވާއިދުގައި ބުނެފައިވާ ގޮތުން ކޮންމެ ޓެކްސީއެއްގެ ބޭރުގައި ޓެކްސީ ސެންޓަރުގެ ނަމާއި ގުޅޭނެ ނަންބަރު ފެންނަ ގޮތަށް ހުންނަންވާނެ އެވެ.

ޓެކްސީ ދަތުރެއްގައި ނަމަ ރަތްކުލައިން އަދި ދަތުރެއްގައި ނޫންނަމަ ފެހިކުލައިން ދިއްލާފައި ހުންނަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

ބިދޭސީ ޑްރައިވަރުންގެ ތެރެއިން ޓެކްސީ ކުރުމުގެ ލައިސަންސް ދޫކުރެވޭނީ ދިވެހި ދައުލަތުގެ ރެޒިޑެންޓް ވީސާ ލިބިފައިވާ، ދިވެހިރައްޔިތަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށް ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.

އެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި މިހާރު ދޫކުރެވިފައިވާ ޓެކްސީ ހުއްދަ އާއި ޓެކްސީ ޑްރައިވަރުންނަށް ދޫކުރެވިފައިވާ ޓެކްސީ ކުރުމުގެ ހުއްދައިގެ އިތުރުން ޓެކްސީ ސެންޓަރުތަކަށް ދޫކުރެވިފައިވާ ހުއްދަ އާކުރަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.