ރޮބޮޓު އުފެއްދުން ނުވަތަ ރޮބޮޓް އިންޖިނިއަރކޮށް ފަރުމާ ކުރުމުގައި ކުރިއެރުން ތަކެއް ހޯދާފައިވާ ބޮސްޓަން ޑައިނެމިކްސް ކުންފުނި ގޫގުލްއިން މިދިޔަ ހުކުރު ދުވަހު ގަނެފިއެވެ.

އެމެރިކާގެ ނިއުޔޯކް ޓައިމްސް ނޫހުން ބުނިގޮތުގައި ގޫގުލްގެ ރޮބޮޓިކްސް ތަހުލީލު ތަކުގައި ބޮސްޓަން ޑައިނެމިކްސްގެ ހޯދުންތައް ބޭނުން ކުރާނީ ގޫގުލްގެ ”ސެލްފް ޑްރައިވިން” ނުވަތަ އިންސާނެއްގެ އެހީއާ ނުލާ ދުއްވާ ކާރު އިތުރަށް ފުރިހަމަ ކުރުމަށެވެ.

ގޫގުލްގެ ސެލްފް ޑްރައިވިން ނުވަތަ ޑްރައިވަރަކާ ނުލާ ކާރު ދުވަނީ އޭގެ މަތީގައި ހަރުކޮށްފައި ހުންނަ މެޝިނަކުން، ކާރުގެ ވަށައިގެންވާ ދިމާތަކަށް ދޫކުރާ 64 ލޭޒަރއެއް ބޭނުން ކޮށްގެން ކާރުގައި ހުންނަ ކޮމްޕިއުޓަރުން އުފައްދާ ތްރީޑީ މެޕަކަށް ބަލައިގެންނެވެ. އަދި ދުނިޔޭގެ އެހެނިހެން ތަންތާންގެ މެޕްތަކާ ކާރުން އުފައްދާ މެޕާ އަޅައި ކިޔައި، ދުއްވަންވީ މަގުތައް ކާރުގެ ކޮމްޕިއުޓަރުން ދެނެގަނެގެންނެވެ.

ބޮސްޓަން ޑައިނަމިކްސް އިން މިހާތަނަށް ދައްކާލާފައިވާ ކުރިއެރުންތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ ބިގްޑޯގް ކިޔާ ރޮބޮޓެކެވެ. މިއީ ހަތަރު ފައި ލާފައި ކުއްތާ އެއްހެން އޮންނަ ރޮބޮޓެކެވެ. މީގެ ހާއްސަ ކަމަކީ މަޑުފަސްތަކުގަ އާއި ފަރުބަދަ ތަކުގެ ގައުތަކު ތެރޭގައިވެސް މިއެއްޗަށް ދުވެވޭކަމެވެ. އަދި ކުރިޔަށް އޮތްތާންގައި ބިގްޑޯގް ގެ ހޯދުންތައް އެހެނިހެން ރޮބޮޓު ތަކާއި ޓެކްނޮލޮޖީ ތަކުގައިވެސް ބޭނުންކުރެވިދާނެ ކަމަށް ބޮސްޓަން ޑައިނަމިކްސް އިން ބުނެއެވެ.

ދާދި ފަހުން ބޮސްޓަން ޑައިނަމިކްސްއިން ވަނީ ވައިލްޑްކެޓް ކިޔާ ރޮބޮޓެއްވެސް ދައްކާލާފައެވެ. މިއީވެސް ހަތަރެސްފައި ޖަހާފައި އޮންނަ ރޮބޮޓެކެވެ. އަދި މީގެ ހާއްސަކަމަކީ އެ ހަތަރު ފައިމަތީގައި ވަރަށް ބާރަށް ދުވެވުމެވެ. ވައިލްޑް ކެޓްގެ އެންމެ ބާރު ދުވެއްޔަކީ ގަޑިޔަކު 25 ކިލޯމީޓަރެވެ. ނަމަވެސް ބޮސްޓަން ޑައިނަމިކްސްއިން ބުނާގޮތުގައި ވައިލްޑްކެޓް އުފެއްދުމުގެ ހަމަ އެކަނި ބޭނުމަކީ ބާރަށް ދުވެވޭ އެއްޗެއް އުފެއްދުމެއް ނޫނެވެ. އެމީހުން ބޮޑަށް ބޭނުންވަނީ ވައިލްޑްކެޓްގެ ޓެކްނޮލޮޖީގައި ދިރޭ ބައެއް ޖަނަވާރު، އެއީ ބުޅާ، ކުއްތާ ފަދަ ހަތަރެސްފައިލީ އެއްޗެހި ދުވުމުގައި ގެންގުޅޭ އަވަސް ހަރަކާތްތައް ރޮބޮޓަށްވެސް ނަކަލުކުރެވުމެވެ. މިއީ އެހެން ޓެކްނޮލޮޖީތަކުގައިވެސް ބޭނުން ކުރެވިދާނެ ކަމެއްކަމަށް ބޮސްޓަން ޑައިނަމިސްއިން ބުނެއެވެ.

ގޫގުލްއިން ބޮސްޓަން ޑައިނަމިކްސް ގަތީ ކިހާވަރަކަށް ކަމެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ބޮސްޓަން ޑައިނަމިސް އިން ބުނީ އެ ކުންފުންޏާ އެމެރިކާގެ އަސްކަރިއްޔާގެ ބަޔެއްކަމަށްވާ ޑިފެންސް އެޑްވާންސް ރީސާޗް ޕްރޮޖެކްޓް އޭޖަންސީ (ޑާޕާ) އާ އޮތް އެގްރީމަންޓަށް ބަދަލެއް ނާންނާނެ ކަމަށެވެ. މިހާތަނަށް ބޮސްޓަން ޑައިނަމިކްސްއިން ހަދަމުން އައި ތަހުލީލު ތަކުގެ ބޮޑުބަޔަކަށް ހަރަދުކޮށްފައި ވަނީ ޑާޕާއިންނެވެ.

ގޫގުލްގެ ސެލްފް ޑްރައިވިން ކާރުގައި ބޮސްޓަން ޑައިނަމިކްސްގެ ހޯދުންތައް ބޭނުނުކުރާނީ ކިހާވަރަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް ބޮސްޓަން ޑައިނަމިކްސް ފަދަ ގިނަ ހޯދުންތަކާއި މަޝްހޫރުކަން ހޯދާފައި ކުންފުންޏެއް ގަތުމުގެ ހަމައެކަނި ބޭނުމަކީ މިހާރުވެސް ބޮޑުބައި ނިމިފައިވާ ޓެކްނޮލޮޖީއެއްގައި އެ ކުންފުނީގެ ހޯދުންތައް ބޭނުންކުރުން ނޫންކަމަށް މާހިރުން ބުނެއެވެ.
http://www.youtube.com/watch? &v=wE3fmFTtP9g