ރައްޔިތުންނަށް ދިމާވެފައިމިވާ ނިކަމެތި ހާލަތު ބަދަލު ކުރުމަށްޓަކައި، އެޅެންއޮތް އެންމެ މުހިއްމު ފިޔަވަޅަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ޑީއާރުޕީއަށް ކާމިޔާބުކޮށްދިނުން ކަމަށް އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހާލަތު ބެއްލެވުމަށް، ށ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅެއްގައި، މިއަދު ހަވީރު އެ އަތޮޅު ގޮއިދުއަށް ވަޑައިގެން ޑީއާރުޕީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ތަސްމީން ވިދާޅުވީ، ރާއްޖޭގެ ކަންކޮޅުތަކަށްކުރައްވާ ދަތުރުތަކުން ފެނިގެން ދަނީ، ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ތިބިތަން ކަމަށެވެ.


"މި ސަރުކާރަށް ވޯޓު ދިން ފަރާތްތަކާއި ވޯޓު ނުދޭ ފަރާތްތައް ވެސް ވަނީ ވަރަށް ބޮޑު މާޔޫސް ކަމެއްގެ ތެރޭގައި. ރަށްރަށުން ލިބެންޖެހޭ އަސާސީ ހިދުމަތްތަކުގެ ފެންވަރު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ދަށަށް. ތައުލީމީ ހާލަތު ދަނީ ދަށަށް. ރަށްރަށުގެ އުމްރާނީ މަސައްކަތްތައް ހުރީ ނުކުރެވި. ކުރެވޭ ކަންތައްތައް ވެސް ދެކޮޅުޖެހޭ ގޮތަކަށް ކުރެވެމަކުން ނުދޭ. އެކަމުގެ ނަތީޖާއަކަށް ވަނީ، ރަށްތަށުގައި ދިރިއުޅޭ ރައްޔިތުން ބިކަހާލުގައި ޖެހިފައިވުން."


ތަސްމީން ވިދާޅުވީ، އެކަންތައްތައް ރަނގަޅުކުރަން އެޅެން އޮތް ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފިޔަވަޅަކީ، ސީދާ ރައްޔިތުންނާ ގުޅުންހުރި ކަންތައްތައް ނިންމުމުގެ ބާރު ލިބިގަތުމަށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން މި ލިބޭ ފުރުސަތުގައި، ރައްޔިތުންގެ އަޑުއަހާ ރައްޔިތުން އެދޭ ބަޔަކު ކައުންސިލްތަކަށް އިންތިހާބު ކުރުން ކަމަށެވެ. އެގޮތަށް ބަލާއިރު، ރައްޔިތުންނަށް ފައިދާވާގޮތަށް ކަންތައްތައް ކުރުމުގެ ވިސްނުމާއި ފިކުރު ގެންގުޅޭ ޕާޓީއަކީ ޑީއާރުޕީ ކަމަށާއި، ޑީއާރުޕީއަށް އިންތިހާބު ކާމިޔާބު ކޮށްދޭންޖެހެނީ އެ ސަބަބަށްޓަކައި ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


ތަސްމީންގެ އިތުރުން ޑީއާރުޕީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާއި، ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި، އިބްރާހިމް ޝަރީފުގެ އިތުރުން ޕާލަމެމްޓްރީ ގްރޫޕުގެ މެންބަރު ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާން ހުސެއިން މަނިކު ވެސް މި ޖަލްސާގައި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ޑީއާރުޕީން ކާމިޔާބު ކުރަންޖެހޭ ސަބަބުތަކާ ބެހޭގޮތުން ވާހަކަ ދެއްކެވި އެވެ. އެ ބޭފުޅުން ވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި މި ޖަލްސާގައި ރައީސް ނަޝީދުގެ އިސްތިއުފާއަށް ވެސް ވަނީ ގޮވައިފަ އެެވ.