ރާއްޖެ ޓީވީގެ ނިއުސް ހެޑް އިބްރާހީމް ވަހީދު (އަސްވާޑު) އަށް ހަމަލާދިނީ ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން މ. ކެރިންލައިޓްގެ އުތުރުބައި އަހްމަދު ވިޝާންކަން ޔަގީން ނުވާކަމަށް ދައުލަތުން ހުށަހެޅި ހެއްކަކު ހެކިބަސްދެމުން ބުނެފި އެވެ.

އަސްވާޑަށް ހަމަލާދިން މަންޒަރު އެންމެ ގާތުން ދުށް މީހަކު ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސިއްރުން ހެކިބަސް ދެމުން ބުނީ ތިން ފޫޓު ހުންނަވަރުގެ ދަގަނޑު ހޮޅިއަކުން އޭނާގެ މޫނު މަތީގައި ޖަހައި ވައްޓާލުމަށް ފަހު އަނެއްކާވެސް ދެތިން ފަހަރު އެ ހޮޅިން އަސްވާޑަށް ހަމަލާދިން މަންޒަރު އޭނާ އަށް ފެނުނު ކަމަށެވެ.

ގާޒީ ކުރެއްވި ސުވާލުގެ ޖަވާބުގައި ދައުވާލިބޭ ވިޝާނަށް އިޝާރާތްކޮށް ހެކިވެރިޔާ ފުރަތަމަ ބުނީ އޭނާ އަކީ އަސްވާޑަށް ހަމަލާދިން މީހާ ކަމަށެވެ. ހަމަލާދިނީ އޭނާކަން ޔަގީންތޯ ގާޒީ އެއްސެވުމުން ހެކިވެރިޔާ ބުނީ ހަމަލާދިން މީހާއާ "ވަރަށް ވައްތަރު" ކަމަށެވެ.

ހެކިބަސްދެމުން އެމީހާ ބުނީ ސައިކަލުން ދިޔަ ދެމީހުންގެ ތެރެއިން އަސްވާޑަށް ހަމަލާދިނީ ސައިކަލުގެ ފަހަތުގައި އިން މީހާ ކަމަށެވެ.

ހަމަލާދިނުމަށްފަހު އެމީހާ އެތާ ކައިރީގައި އޮތް ހަނި ގޯޅިއަކުން ވަދެގެން ގޮސްފައިވާ ކަމަށް ވެސް ހެކިބަސްދިން އެމީހާ ބުންޏެވެ.
ސައިކަލް ދުއްވަން އިން މީހާގެ މޫނޫ ސާފުކޮށް ނުފެންނަ ކަމަށާއި އެހެންކަމުން އެއީ ކާކުކަން ނޭނގޭ ކަމަށް ވެސް އެމީހާ ބުންޏެވެ.

ވިޝާންގެ އިތުރުން އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ގ. ފެހިމާ ހަސަން ރައިހާންގެ މައްޗަށެވެ. އޭނާގެ ވަކީލު ހާޒިރުނުވާތީ ޝަރީއަތް މިއަދު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އަސްވާޑަށް ހަމަލާދީފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 1:18 އެހައިކަންހާއިރު އޭނާ ބޮޑުތަކުރުފާނު މަގުގައި ހުންނަ "ސްކައި ޓުވާސް" ކައިރިން ލާފައި ސައިކަލުގައި ދަނިކޮށެވެ.

ވިޝާނާއި ރައިހާންގެ މައްޗަށް އުފުލާފައި ވަނީ ނުރައްކާތެރި ހާނިއްކައެއް ލިބޭގޮތަށް މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ އަސްވާޑުގެ މެޑިކޯލީގޯ ރިޕޯޓަށް ބެލިއިރު އޭނާގެ ސިކުނޑިއަށް ލޭފޭދި، ބޮލުގެ ނާށިގަނޑުގައި ރެނދުލައި، މޫނުގެ ކަށިތައް ބިންދައިގެން ގޮސް ކަނާތްފަރާތު ލޮލަށް އަނިޔާ ލިބިފައިވާކަން އެނގެން އޮންނަ ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.