16 Dec 2013, 13:13
މޯލްޑިވްސް މީޑިއާ ކައުންސިލްގެ ކުރީގެ 10 މެމްބަރުން ނަގާފައިވާ ލިވިންގް އެލަވަންސް އަނބުރާ ދެއްކުމަށާއި އިތުރަށް އެލަވަންސް ނުނެގުމަށް އަންގާފައިވަނިކޮށް އެ އެންގުމާ ހިލާފުވި ހަތް މެމްބަރެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮނުވައިފި އެވެ.
ދައުވާކުރަން ޕީޖީއަށް ފޮނުވާފައި ވަނީ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނަޒީފު، ގ. ގުލްޝަން ވިލާ އާއި ނ. ވެލިދޫ އެލްޕާސޯ، މުހައްމަދު ހަލީމް، އާއި މއ. ކެކުރި މުހައްމަދު އާޒިމް އަބްދުލްހާދީ އާއި މއ. ސިލްވާސީން، އަލީ ވަހީދު ހަސަން މަނިކާއި ތ. ވިލުފުށި ހުސްނުހީނާގެ މަސްއޫދު ހިލްމީ އާއި ހދ. ނާވައިދޫ ގުލްފާމުގެ، އަހުމަދު މުހުސިނާއި މ. ބަޑިކުޅިމާގެ އަނަސް އަބްދުލް ސައްތާރުގެ ނަމެވެ.
ލިވިންގް އެލަވަން އަލުން ނަގަން ނިންމި މައްސަލާގައި އެ ހަތް މީހުންގެ އިތުރަށް އެ ކައުންސިލްގެ ކުރީގެ ތިން މެމްބަރެއްގެ މައްޗަށް ވެސް ދައުވާ ކުރަން ވަނީ ފޮނުވާފަ އެވެ. އެއީ މާލެ ދަފްތަރު ނަމްބަރު 5143 ޝިހާމް މުހައްމަދު ވަހީދު، ގ. އައިނާއެޑަމްސް ފާތުމަތު އިޝާން އަލީ އާއި ސ. މަރަދޫ ގަނދަކޯޅުމާގެ ސައިފް އަޒުހަރެވެ.
މީޑިއާ ކައުންސިލްގެ މެމްބަރުން ލިވިންގް އެލަވަން ނެގި މައްސަލާގައި އޭސީސީން ބުނީ އެ ކައުންސިލަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މުސާރަ އާއި އެލަވަންސްގެ ތެރޭގައި ލިވިންގް އެލަވަންސެއް ހިމެނިފައި ނުވާ ކަމަށާއި އެ ކައުންސިލްގެ މެމްބަރުންނަށް ލިވިންގް އެލަވަންސެއް ނުދެވޭނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޭސީސީއަށް އަދި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ލަފާދީފައިވާ ކަމަށެވެ.
އޭސީސީން ބުނީ ލިވިންގް އެލަވަން ނެގުން ހުއްޓާލުމަށް އޭސީސީއިން އެންގުމުން އެކަން ހުއްޓާލުމަށް ފަހު 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އޮތް މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގައި ލިވިންގް އެލަވަންސް އަނެއްކާވެސް ނަގަން ނިންމައި، އެ އަހަރުގެ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އޮތް ބައްދަލުވުމެއްގައި ކުރިން ނުނަގާ ހުރި ލިވިންގް އެލަވަންސް ގަނޑުކޮށް ނެގުމަށް މީޑިއާ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އޭސީސީއިން މިފަހަރު ބަލާފައި ވަނީ 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18 ވަނަ ދުވަހު އޮތް މީޑިއާ ކައުންސިލްގެ ބައްދަލުވުމުގައި ލިވިންގް އެލަވަންސް ގަނޑުކޮށް ނަގަން ނިންމި މައްސަލަ އެވެ.
އޭސީސީގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.