16 Dec 2013, 12:25
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ރައްޔިތުންނަށް އަނިޔާވެރި ނުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ޖަލުތަކާއި ޕެރޯލުގެ ބިލު ދިރާސާ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަމުން ގައުމީ ސަލާމަތު ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ މޫސަ ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ބިލް މަޖިލީހުން ފާސް ކުރުމުން، އެ ބިލެއް ރައީސް ޔާމިން ތަސްދީގު ކުރައްވައިފިނަމަ، "އަނިޔާގެ ސަގާފަތް ރާއްޖެއިން ނައްތާލުމަށް" މަސައްކަތް ކުރައްވަނީ ކަމަށް ގަބޫލު ކުރެވޭނެ ކަމަށެވެ.
ރައީސް ޔާމިންގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި "ކަމެއް ކުރެއްވީތީ، އެ ކަމެއް" ރައީސް ޔާމިން ނުކުރައްވާނެ ކަމަށް މޫސަ ވިދާޅުވި އެވެ. އަދި ވިދާޅުވީ
މ. އެންދެރިމާގޭގެ އާއިލާގެ ތެރޭގައި އޮތް "އަނިޔާގެ ސަގާފަތާ" ދެކޮޅަށް ރައީސް ޔާމިން "މިތަންތަނުގައި" ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.
"އެންދެރިމާގޭގެ އާއިލާ ތެރޭގައި އޮތް އަނިޔާގެ ސަގާފަތާ ދެކޮޅަށް މިތަންތަނުގައި [މަޖިލީހުގައި] ވާހަކަފުޅު ދައްކަވާފައިވާ ބޭފުޅަކަށް ވާތީވެ، އަޅުގަނޑު އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާ ދޭތެރޭ، ވަރަށް ބޮޑު ޔަގީންކަމެއް އޮވޭ، ރައްޔިތުންނަށް އަނިޔާވެރި ނުވާނެކަން. އާއިލީ ގުޅުމަކީ ތަފާތު އެއްޗެއް. ޒަމާނެއްގައި ރައީސް ޔާމިންގެ ބޭބޭފުޅު ކަމެއް ކޮއްފައި އޮތީތީވެ، އެކަން އެގޮތަށް ކުރައްވާނެކަން އަޅުގަނޑެއް ގަބޫލެއް ނުކުރަން،" ހުޅުހެންވޭރު ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖަލުތަކާއި ޕެރޯލްގެ ބިލް މަޖިލީހުން ތިން ފަހަރަށް ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ފޮނުވުމުން ވެސް ރައީސް ވަހީދު އެ ބިލް ތަސްދީގު ނުކުރައްވަ އެވެ. އެ ބިލް ރައީސް ވަހީދު ތަސްދީގު ނުކުރެއްވި މައްސަލާގައި މޫސަ ވިދާޅުވީ ރައީސް ވަހީދަކީ "އަނިޔާވެރި ސަގާފަތެއް" ގެންނަން އުޅުއްވި ބޭފުޅެއް ކަމަށާއި އެކަން ދެމެހެއްޓުމަށް އެމަނިކުފާނު ބިލް ތަސްދީގު ނުކުރެއްވީ ކަމަށެވެ.
ޖަލުތަކާއި ޕެރޯލްގެ ބިލް މަޖިލީހުން ހަތަރު ވަނަ ފަހަރަށް ފާސްކޮށްފިނަމަ، އެއީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ފަހަރަށް ފާސްކުރި ބިލަށް ވެގެންދާނެ އެވެ.