16 Dec 2013, 12:23
ގއ. ކަނޑުހުޅުދޫ ކައުންސިލް އިދާރާ އާއި ކޯޓުގެ ތިޖޫރީ ފަޅާލައި ވަގަށް ނެގި ބައެއް ފައިސާ ކިރު ހުސް ކުރި ދަޅެއްގެ ތެރެއިން ހޯދައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައި އެ ރަށު ކޯޓާއި ކައުންސިލް އިދާރާ ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގާފަ އެވެ.
ފުލުހުން ބުނީ ވަގަށް ނެގި ފައިސާގެ ތެރެއިން ބައެއް ފައިސާ ފެނިފައި ވަނީ ކަނޑުހުޅުދޫ ގެއެއްގެ ތެރޭ ހުރި ކެޔޮނިރުވަޅުގަނޑުތެރޭގައި ކިރު ހުސްކުރި ދަޅެއްގެ ތެރެއަށްލައި ފޮރުވާފައި ހުއްޓައި ރޭ ދަންވަރު 1:00 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ ކަނޑުހުޅުދޫ ކައުންސިލް އިދާރާއާއި ކޯޓުގެ ތިޖޫރީން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 60،000 އަށް ވުރެ ގިނަ ރުފިޔާ ކިރުދަޅު ތެރެއިން ފެނިފައިވާ ކަމަށެވެ.
އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅި އެ މައްސަލާގައި މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި ކަނޑުހުޅުދޫ ކައުންސިލް އިދާރާގެ ތިޖޫރިން 50،000ރ. ވަގަށް ނަގާފައި ވަނީ އެ އިދާރާގެ ބޮޑު ދޮރު ހަލާކުކޮށްލައިގެން ވަދެ ކަމަށް ފުލުހުން ބުނެ އެވެ. އަދި މެޖިސްޓްރޭޓް ކޯޓުގެ ތިޖުރީ ފަޅާލައި 22،000ރ. ވަގަށް ނަގާފައި ވަނީ އެ ކޯޓުގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން ވަދެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ވައްކަމުގެ އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެމީހުންގެ ތެރެއިން 22 އަހަރުގެ މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ. އަދި 26 އަހަރުގެ މީހާއަކީ ވައްކަމާއި މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އެހަތަރު މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތުތަކުގައި ކަނޑުހުޅުދޫން ކަމަށް ފުލުހުން ބުނެ އެވެ.