16 Dec 2013, 11:47
ކައުންސިލްތަކުގެ ބަލަދުވެރި ފަރާތް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ނައިބު ރައީސަކަށް، އަހުމަދު ފައިސަލް މިއަދު ހޮއްވަވައިފި އެވެ.
އަމިއްލަ ޖަމިއްޔާތަކުގެ ފަރާތުން އެލްޖީއޭ ބޯޑަށް މަޖިލީހުން ހޮއްވެވި ފައިސަލް އެ ބޯޑުގެ ނައިބު ރައީސަކަށް ހޮއްވެވީ، އެލްޖީއޭ ބޯޑުން މިއަދު ބޭއްވި ބައްދަލުވުމެއްގަ އެވެ. އޭނާއަށް ނައިބު ރައީސްކަން ލިބިވަޑައިގެންނެވީ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި ހަ މެމްބަރުންގެ އިއްތިފާގުންނެވެ.
ފައިސަލް އެ މަގާމަށް ހޮއްވަވާފައި އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ޝުޖާއު ވަކިކުރުމަށްފަހު އެވެ. އެލްޖީއޭގެ ރައީސަކީ ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އެލްޖީއޭއަށް ކަނޑައެޅުއްވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ.
އެލްޖީއޭ ބޯޑުގައި ހިމެނެނީ ނުވަ މެމްބަރުންނެވެ. އެއީ ރައީސް އައްޔަން ކުރައްވާ ވަޒީރަކާއި މާލޭ ސީޓީ ކައުންސިލުން އައްޔަން ކުރާ މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރަކާއި މަޖިލީހުން ހޮއްވަވާ މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާންމުންގެ ތެރެއިން މަޖިލީހުން ހޮއްވަވާ މީހަކާއި ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ މެންބަރެކެވެ.