މިދިޔަ ސީޒަންގައި ބީޖީ ސްޕޯޓްސް ކްލަބަށް ކުޅުނު ތަޖުރިބާކާރު މިޑްފީލްޑަރު އިބްރާހިމް ފަޒީލް (އޮއްޕޮ) ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން އޭނާ ކުރިން ކުޅުނު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ރޭ ގުޅިއްޖެ އެވެ.

ނިއު ރޭޑިއަންޓުން 2012 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ހޯދި ކާމިޔާބީގައި މުހިއްމު ރޯލެއް އަދާކުރި އޮއްޕޮ އެޓީމާ އަލުން ގުޅުމަށް ފަހު ބުނީ ނިއުއަށް އެނބުރި އައީ އޭނާ ކާމިޔާބު ކުޅުންތެރިއަކަށް ވުމުގެ އަސްލަކީ އެ ކްލަބު ކަމަށް ވާތީ ކަމަށެވެ.

"އަޅުގަނޑު މިއަދު މިހުރި ހިސާބަށް ގެނެސްދިނީ ނިއު. އެހެން ޓީމަކަށް ކުޅުނު ނަމަވެސް މި ޓީމާ ދޭތެރޭގައި އަޅުގަނޑުގައި ހިތުގައި ހާއްސަ ލޯތްބެއް އޮވޭ،" ނިއުގެ ވެބްސައިޓްގައި އޮއްޕޮއާ ހަވާލާދީ ބުނެފައިވެ އެވެ. "އަޅުގަނޑު ހުރީ އެނބުރި ނިއުއާ ގުޅެން ވަރަށް ބޮޑަށް ބޭނުންވެފައި އަދި މިހާރު އެކަން މި ހާސިލްވީ."

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ނިއުގެ ސްކޮޑް ވަރުގަދަކުރަމުން އެޓީމުން މަސައްކަތްކުރާއިރު އޮއްޕޮއަކީ 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ސެމީފައިނަލަށް ނިއު ދަތުރު ކުރިއިރުވެސް އެ ކަލްބުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރި އެކެވެ.

އަދި ނިއުގެ ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ އޮއްޕޮ އަކީ، 2005 ވަނަ އަހަރު ހަވީރުން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، 2006، 2007 އަދި 2011 ވަނަ އަހަރުގެ ގޯލްޑަން ބޫޓް އެވޯޑް ވެސް ހޯދާފައިވާ މޮޅު ކުޅުންތެރި އެކެވެ.

ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރެކްޓް އާކޮށް، އޮއްޕޮ އެ ކްލަބަށް އެނބުރި އައިއިރު ކްލަބުގެ މުހިއްމު ދެކުޅުންތެރިން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އަދި އަކުރަމް އަބްދުލްޣަނީ (އަކޫ) ލޯނު އެއްބަސްވުމެއްގެ ދަށުން ފަސް މަސްދުވަހުގެ މުއްދަތަށް އޮމާންގެ ސޫރު ސްޕޯޓްސް ކްލަބަށް ދޫކުރުމަށް ނިއުގެ ބޯޑުން ވަނީ ނިންމައިފަ އެވެ.