އައިޖިއެމްއެޗްގެ އޯޕީޑީގައި ޑޮކްޓަރުން ބައްލަވަން ފަށްޓަވާ ގަޑިތައް، ހުރިހާ ސްޕެޝަލިޓީތަކުގައި އެއްގޮތްކޮށް، ރިވިއު ކުރަންޖެހޭ ބަލިމީހުންނަށް ކޮންސަލްޓޭޝަން ރޫމުން އެޕޮއިންޓްމަންޓް ދެވޭނެ ނިޒާމެއް ކަނޑައެޅުމަށް ސޯޝަލް ކައުންސިލުން ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އައިޖީއެމްއެޗްގެ އޯޕީޑީގެ ޚިދުމަތް، ދެދަންފަޅިއަކަށް ބަހަލާއި ކޮންމެ ދަންފަޅިއެއްގައި ވެސް ޑޮކްޓަރުންގެ އޯޕީޑީ ޑިއުޓީ، މަދުވެގެން ހަތަރު ގަޑިއިރަށް ހަމަޖައްސަން ނިމާފައިވާ ކަމަށެވެ. އަދި ހެނދުނުގެ އޯޕީޑީ ފެށޭ ގަޑިއަކީ 8:00 ޖަހާއިރު ކަމަށް ހަމަޖެއްސުމަށް ވެސް ސޯޝަލް ކައުންސިލުން ނިންމަވާފައިވާ ކަމަށެވެ.

އެގޮތަށް އަމަލުކުރަން ނިންމީ އައިޖީއެމް ހޮސްޕިޓަލުން ވީހާވެސް ގިނަ ބަޔަކަށް، ޑޮކްޓަރުންނަށް ދެއްކޭނެގޮތް ހަމަޖައްސައި ދިނުމަށާއި، ހާއްސަކޮށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ޤަވާއިދުން އެޕޮއިންޓްމަންޓް ލިބޭނެގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށެވެ.

ސޯޝަލް ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން، އެކަންކަން އިންތިޒާމްކޮށް، ހިނގަމުންދާގޮތުގެ ވަގުތު ތާވަލެއް އެކުލަވައިލައިގެން، އެކަންކަން އަވަހަށް ފެށުމަށް ރައީސް އޮފީހުން ހެލްތް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.