ހިޓާޗީ އެމްބީއޭ ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު ގްރޫޕް ދޭއްގެ މެޗުތައް ރެޑް ލައިން ކްލަބު (އާރުއެލްސީ)އާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ފަސޭހަކަމާއެކު ކާމިޔާބު ކޮށްފި އެވެ.

އާދީއްތަ ދުވަހު ހަވީރު ޒުވާނުންގެ މަރުކަރުގައި ކުޅުނު މެޗު އާރުއެލްސީ އިން ކާމިޔާބުކުރީ ބީޖީ ސްޕޯޓްސްއާ ވާދަކޮށް 99-57 ޕޮއިންޓުންނެވެ. މި މެޗުގައި އާރުއެލްސީއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 18 ޕޮއިންޓު ހޯދި މުހައްމަދު ޒިލާލު އެވެ. އަދި ބީޖީއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 16 ޕޮއިންޓް ހޯދި މުހައްމަދު އީވާން ޒާހިރު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުއެލްސީއަށް ނުވަ ޕޮއިންޓު ހަމަކޮށްދިން މުޒައްމިލް މުހައްމަދު އެވެ.

މި ގްރޫޕުގައި ރޭ ކުޅުނު މެޗު ވީ ޔުނައިޓެޑާ ވާދަކޮށް ޑީއެސްސީ ކާމިޔާބުކުރީ 62 ޕޮއިންޓުގެ ބޮޑު ތަފާތަކުންނެވެ. މި މެޗުގައި ޑީއެސްސީއަށް 105 ޕޮއިންޓު ލިބުނުއިރު ވީއަށް ލިބުނީ 43 ޕޮއިންޓެވެ. މި މެޗުގައި ޑީއެސްސީއަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު ނާއިފް ރުޝްދީ އެވެ. އޭނާ ވަނީ ރޭގެ މެޗުގައި 17 ޕޮއިންޓް ހޯދައިފަ އެވެ. ވީ އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އަހްމަދު ސަނީހް ހަނީފްއާއި މުހައްމަދު އިހްސާން އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވެސް ނުވަ ޕޮއިންޓް ހޯދި އެވެ.

މި ނަތީޖާއާ އެކު ގްރޫޕް ދޭއްގެ އެއްވަނަ މަގާމުގައި ރެޑްލައިން އޮތީ 10 ޕޮއިންޓާ އެކު އެވެ. ގްރޫޕުގެ ދެވަނައިގައި ނުވަ ޕޮއިންޓާއެކު ޑީއެސްސީ އޮތްއިރު ހަތް ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައި އޮތީ ބީޖީ އެވެ. އަދި ފަސް ޕޮއިންޓާއެކު އެލްކިއު ސްޕޯޓްސް ހަތަރު ވަނައިގައި އޮތްއިރު ފަސް ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައި އޮތީ ވީ ޔުނައިޓެޑެވެ.

މި މުބާރާތުގައި މިއަދު ވެސް ދެ މެޗު ކުޅޭނެ އެވެ. އެގޮތުން ހަވީރު 4:00ގައި ކުޅޭ މެޗުގައި ވާދަކުރާނީ ބީޖީ އާޢި އެލްކިއުއެސް އެވެ. އަދި މިރޭ 8:30ގައި ވާދަކުރާނީ ގްރުޕު އެކެއްގެ އީގަލްސްއާއި ޔޫތު ސްޕޯޓްސް ކްލަބެވެ.