16 Dec 2013, 10:58
އެމްއެންޑީއެފުން ތިން އޭރިއާ ކޮމާންޑަކަށް ފޯސް ހެލްތް އޮފިސަރުންގެ ގޮތުގައި ތިން މެޑިކަލް އެސިސްޓެންޓުން ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފުގެ ފަރާތުން ތިން އޭރިއާ އަކަށް ފޯސް ހެލްތް އޮފިސަރުން އިއްޔެ ހަމަޖައްސާފައިވަނީ، އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެމްއެންޑީއެފުން ހާސިލުކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ސިފައިންގެ ވެލްފެއާ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ނެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ކޮންފަރެންސް ހޯލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާގެ ފޯސް ހެލްތް އޮފިސަރަކަށް ހަމަޖައްސާފައިވަނީ ކޯޕްރަލް އަހުމަދު ނިޔާޒެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ފޯސް ހެލްތް އޮފިސަރަކަށް ހަމަޖެއްސެވީ ސާޖަންޓް އަހުމަދު މުޖުތަބާ އެވެ. އަދި އެމްއެންޑީއެފް ސަދަން އޭރިއާގެ ފޯސް ހެލްތް އޮފިސަރަކަށް ހަމަޖައްސަވާފައިވަނީ ސާޖަންޓް މުހައްމަދު އަފްރާހް އެވެ. އަދި އެ ތިން ބޭފުޅުންނަކީ ވެސް ބެޗްލާ އޮފް ސައިންސްއިން ޕްރައިމަރީ ހެލްތުކެއާ ފުރިހަމަ ކުރައްވާފައިވާ ތިން ބޭފުޅުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން ބުނީ ސިފައިން ހަރަކާތްތެރިވާ އޭރިއާތަކުގައި ފޯސް ހެލްތު އޮފިސަރުން ގާއިމުކުރުމުގެ މައިގަނޑު ބޭނުމަކީ އެ އޭރިއާތަކުގައި މެޑިކަލް ހިދުމަތް ގާއިމްކޮށް އެ އޭރިއާއެއްގައި މަސައްކަތްކުރާ ސިފައިންގެ ދުޅަހެޔޮކަން ޔަގީންކުރުމާއި ހެލްތް އެޑިއުކޭޝަން ޕްރޮގްރާމްތައް ހިންގުން ކަމަށެވެ.
ނަމަވެސް މީގެ އިތުރުން އެ އޭރިއާއަކަށް ނިސްބާތްވާ އަތޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ މެދުގައި ސިއްހީ ހޭލުންތެރިކަން އިތުރުކޮށް ސިއްހީ ދާއިރާއަށް އަހުލުވެރިކުރުމަށްޓަކައި މައުލޫމާތު ދިނުމުގެ ތަފާތު ޕްރޮގްރާމްތަކާއި އެމްއެންޑީއެފް މެޑިކަލް ސާވިސް ގުޅިގެން މެޑިކަލް ކޭމްޕްތައް އެ އޭރިއާއަށް ނިސްބަތްވާ ރަށްތަކުގައި ހިންގާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސިފައިންގެ ވެލްފެއާ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން އެމްއެންޑީއެފުން ވަނީ އެމްއެންޑީއެފްގެ ހޮސްޕިޓަލް ސެނަހިޔާގައި އެމްއާރުއައި އާއި ސީޓީ ސްކޭން އަދި ހުރިހާ ދާއިރާގެ ސްޕެޝަލިސްޓުން ހިދުމަތް ދޭ ތަނަކަށް ހެދުމަށް ނިންމާފަ އެވެ.
މީގެ އިތުރުން ސިފައިންނާއި އާއިލާތަކަށް އިންޑިއާގެ ބޮޑެތި ހޮސްޕިޓަލްތަކުން ހެޔޮ އަގުގައި ބޭސް ފަރުވާ ކުރެވޭނެ ސްކީމެއް ގާއިމް ކުރުމަށް ވެސް ވަނީ އެ އެކްޝަން ޕްލޭންގައި ހިމަނާފަ އެވެ.