ލުއިސް ސުއަރޭޒް ޖަހައިދިން ދެލަނޑާއެކު 5-0ގެ ބޮޑު ތަފާތަކުން އަމިއްލަ ދަނޑުގައި 10 ކުޅުންތެރިންނާ އެކު ކުޅެމުންދިޔަ ޓޮޓެންހަމް ހޮޓްސްޕާ އަތުން ލިވަޕޫލް މޮޅުވެއްޖެ އެވެ. މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ ތާވަލުގެ ދެވަނަ މަގާމުވެސް ހޯދައިފަ އެވެ.

މިއީ ޓޮޓެންހަމްގެ ދަނޑުގައި އެޓީމު އަތުން ލިވަޕޫލް އެންމެ ތަފާތު ބޮޑުކޮށް މޮޅުވި ނަތީޖާ އެވެ. މީގެ ކުރިން ވައިޓް ހާޓް ލޭންގައި ލިވަޕޫލް އެންމެ ތަފާތު ބޮޑުކޮށް މޮޅުވެފައިވަނީ، 13 ޑިސެންބަރު 1975ގަ އެވެ. އެފަހަރު ލިވަޕޫލް މޮޅުވީ 4-0 އިންނެވެ. އަދި މިއީ 1997 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗެލްސީ އަތުން 6-1 އިން ބަލިވި މެޗަށްފަހު އަމިއްލަ ދަނޑުގައި ޓޮޓެންހަމް މިފަދަ ބޮޑު ތަފާތަކުން ބަލިވި ފުރަތަމަ މެޗެވެ.

ގަދަ ފިނީގައި ވެހެމުންދިޔަ ވާރޭގައި ކުޅެމުންދިޔަ ޓޮޓެންހަމްގެ ކުޅުންތެރިންނަށް ލިވަޕޫލުގެ ގޯލަށް ނުރައްކާތެރި އެންމެ ހަމަލާއެއް ވެސް އުފެއްދިފައި ނުވާއިރު ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ސުއަރޭޒް އެވެ. މި ލަނޑާއެކު ސުއަރޭޒް މިސީޒަންގައި ކާމިޔާބުކުރި ލަނޑުގެ އަދަދު 16 އަށް އަރާފައިވާއިރު ޓޮޓެންހަމްއަށް ޓީމެއްގެ ގޮތުގައި ވެސް މިފަހަރުގެ ލީގުގައި ކާމިޔާބުކުރެވިފައި ވަނީ ޖުމުލަ 15 ލަނޑެވެ. ސުއަރޭޒް ރޭގެ މެޗުގައި ޖެހި ދެވަނަ ލަނޑު އަދި މި ސީޒަންގައި އޭނާ ޖެހި 17 ވަނަ ލަނޑު ކާމިޔާބުކުރީ 84 ވަނަ މިނިޓްގަ އެވެ.

ލިވަޕޫލުގެ ދެވަނަ ލަނޑު މެޗުގެ 40 ވަނަ މިނިޓްގައި ޖަހައިދިނީ ހެންޑަސަންއެވެ. ތިން ވަނަ ލަނޑު 75 ވަނަ މިނިޓުގައި ފްލެނަގާން ކާމިޔާބުކޮށްފައިވާއިރު އެޓީމުގެ ފަހު ލަނޑު 89 ވަނަ މިނިޓްގައި ކާމިމިޔާބުކޮށްދިނީ ރަހީމް ސްޓާލިން އެވެ. މި ހުރިހައި ލަނޑެއް ކާމިޔާބުކުރުމުގައި ވެސް މޭސްތިރިއަކީ ރޭގެ މެޗުގައި ލިވަޕޫލްގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު އުރުގުއޭ ފޯވާޑް އެވެ.

ސުއަރޭޒަށް ފައުލުކުރުމާ ގުޅިގެން މެޗުގެ 62 ވަނަ މިނިޓުގައި ޓޮޓެންހަމްގެ ބްރެޒިލް މިޑްފީލްޑަރު ޕައުލީނިއޯއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލުމާ ގުޅިގެން އަންދްރޭ ވިއަސް ބޮއަސްގެ ޓީމު މެޗުގެ ފަހުބައި ކުޅެންޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ.

ޕްރިމިއާ ލީގުގައި ޓޮޓެންހަމް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެފައިވާއިރު މި ދިޔަ މަހު އެޓީމު ވަނީ މެންޗެސްޓާ ސިޓީ އަތުން 6-0ގެ ބޮޑު ތަފާތަކުން ބަލިވެފަ އެވެ. އެހެން ކަމުން މި ނަތީޖާ ތަކާ އެކު އެޓީމުގެ ޕޯޗުގީސް ކޯޗް ވިއަސް ބޮއަސްގެ މުސްތަގުބަލާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

"ގޮތެއް ނިންމާނީ ކްލަބުން. އަހަރެން މަގާމު ދޫކޮށެއް ނުލާނަން އަދި އަހަންނަކީ އެހާ ފަސޭހައިން ހުއްޓައިލާނެ މީހެއްވެސް ނޫން،" ވަޒީފާ ސަލާމަތް ކުރެވޭނެތޯ ސުވާލުކުރުމުން ޓޮޓެންހަމް ކޯޗު ބުންޏެވެ. "އަހަންނަށް ކުރެވޭނެހާ ވެސް ކަމަކީ ކުޅުންތެރިންނާ އެކު ގަދައަޅައި މަސައްކަތްކުރާނީ، އަހަރެމެން އެންމެ ވެސް ބޭނުންވާ ފަދަ ރަނގަޅު ނަތީޖާތަކެއް ނެރެވޭތޯ."

ވިއަސް ބޮއަސް ބުނީ ރޭގެ މެޗުން ބަލިވުމުގެ ހުރިހާ ޒިންމާއެއް ނަގަންޖެހެނީ އޭނާ އަމިއްލައަށް ކަމަށާއި ސަބަބަކީ ޓީމު ބައްޓައްކޮށް ހުރިހައި އިރުޝާދެއް ދިނީ ވެސް އޭނާކަމަށްވާތީ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި 35 ޕޮއިންޓާއެކު އޮތީ އާސެނަލް އެވެ. ތާވަލުގެ ދެވަނައިގައި 33 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ހަމަ އެއަދަދަށް ޕޮއިންޓު ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ތިންވަނަ މަގާމުގައި އޮތީ ޗެލްސީ އެވެ.