16 Dec 2013, 09:27
މީހުން މެރުމުގެ މައްސަލަތަކުގައި ދައުވާ ލިބޭ މީހާގެ މައްޗަށް ހުށަހަޅާ ހެކިތައް ނައްތާލަނީ ތަހުގީގީ މަރުކަޒުތަކުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއެކު، ވަކީލުންނާއި އާއިލާއިން ބާއްވާ އެކަހެރި ބައްދަލުވުންތަކުގައި "ރާވައިގެން" ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
ނުރައްކާތެރި ކުށްކުރާ މީހުން 36 ގަޑިއިރަށް ވަކީލުންގެ އެހީތެރިކަމުން މަހުރޫމް ކުރުމަށް ޖިނާއީ އިޖުރާއަތުގެ ބިލުގައި ވަނީ ހިމަނާފަ އެވެ. އެ ބިލުގައި އެގޮތަށް ހިމަނާފައި ވަނީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހާއި ފުލުހުންނާ މަޝްވަރާކުރުމަށްފަހު އެވެ.
ނަމަވެސް އެޗްއާރްސީއެމްގެ މެމްބަރު ޖީހާން މަހުމޫދު ވަނީ ވަކީލުންގެ އެހީތެރިކަމުން "ހަނު ނުހުރެވޭނެ" މީހުން މަހުރޫމް ކުރުމާ ދެކޮޅު ހައްދަވާފަ އެވެ. އޭނާ އެކަމާ ދެކޮޅު ހެއްދެވީ ޖިނާއީ އިޖުރާތުގެ ބިލުގެ މާއްދާތަކަށް ހިޔާލު ހޯދުމަށް ފަނޑިޔާރުންނާއި ފުލުހުންނާއި އެޗްއާރްސީއެމް ގައުމީ ސަލާމަތު ކޮމެޓީއަށް އިއްޔެ ހާޒިރު ކުރުމުންނެވެ.
ޖީހާނަށް ރައްދު ދެއްވައި، ގާޒީ މުހުތާޒު އިއްޔެ ވަނީ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީގައި "ހަނު ނުހުރެވޭނެ" ކުށްވެރިން ގާނޫނީ ވަކީލުންގެ އެހީތެރިކަމުން މަހުރޫމް ކުރާނެ "ވަގުތާ" ގުޅޭ ގޮތުން ކޮމެޓީއަށް ހިޔާލު ދެއްވާފަ އެވެ.
ގާޒީ ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ ބޮޑެތި މަރުގެ މައްސަލަތަކުގެ ތެރެއިން 80 ޕަސެންޓް މައްސަލަތަކުގެ ހެކި ނައްތާލަނީ ހައްޔަރުކޮށްފައި ތިބޭ މީހުންނާއެކު ބާއްވާ އެކަހެރި ބައްދަލުވުންތަކުގައި "ރާވައިގެން"ނެވެ. އަދި އެފަދަ ބައްދަލުވުންތަކުގައި ހެކި ނައްތާލަން ރާވާ ގޮތްތައް އެންމެ ބޮޑަށް އިނގޭނީ މައްސަލަތައް ތަހުގީގު ކުރާ ފުލުހުންނަށް ކަމަށް ވެސް މުހުތާޒު ވިދާޅުވި އެވެ.
"80 ޕަސެންޓް ޕްލަސް، މަރުގެ މައްސަލަތަކުގެ ހެކި ނެތިދަނީ އެކަހެރި ބައްދަލުވުންތަކުގައި ވަކީލުންނާއި އާއިލާގެ މީހުންނާއި ގުޅިގެން ރޭވިގެން ހެކިނަން ބިރުދެއްކި، އެ ވާހަކަތައް ދެކެވޭ. އަމަލީ ގޮތުން އެކަން ހިނގަނީ އެހެން،" މަރުގެ މައްސަލަތާއި ނުރައްކާތެރި މާރާމާރީގެ މައްސަލަތަކުގެ ޝަރީއަތް ހިންގަވާ މުހުތާޒު ވިދާޅުވި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފު ވިދާޅުވީ ނުރައްކާތެރި ކުށްތަކުރާ މީހުންގެ އަސާސީ ހައްގުތައް ތަހުޒީބީ މުޖުތަމައުތަކުގައި ވަރަށް ބޮޑަށް ހިފަހައްޓާފައިވާ ކަމަށެވެ. އެގޮތުން ބައެއް ގައުމުތަކުގައި ނުރައްކާތެރި ކުށެއް ކުރި ކަމަށް ތުހުމަތު ކުރާ މީހުން ހައްޔަރު ކުރުމަށްފަހު އާއިލާ އާއި ވަކީލުންނާ ބައްދަލު ކުރުމުގެ ހައްގު ތިން ދުވަހަށް ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހެން ގައުމުތަކުގައި އޭނާ ހައްޔަރުކޮށްފައި ހުންނަ ތަން ވެސް އާއިލާއަށް ނާންގާ ގައުމުތައް ހުންނަ ކަމަށް ވެސް އައްބާސް ޝަރީފު ވިދާޅުވި އެވެ.
"ޔޫއެސް ތަންތާގައި ބައެއް ކުށްތަކުގައި [އާއިލާ، ވަކީލުނަށް] ބައްދަލު ވެސް ނުކުރެވޭ. 72 ގަޑިއިރު ވަންދެން އޭނަ ހުންނަތަން އަންގަން ނުޖެހޭ ގައުމުތައް ވެސް ހުންނާނެ،" ހައި ކޯޓުގެ ފަނޑިޔަރު ވިދާޅުވި އެވެ.
ނުރައްކާތެރި ކުށްވެރިން ގާނޫނީ ވަކީލުންގެ އެހީތެރިކަމުން މަހުރޫމް ކުރުމާ ގުޅޭ ގޮތުން ޖިނާއީ އިޖުރާއަތުގެ ބިލުގައި ބުނެފައި ވަނީ "ހަނު ނުހުރެވޭނެ ކުށްތަކުގައި" ހައްޔަރުކޮށްފައި ތިބޭ މީހުން ގާނޫނީ ވަކީލެއް ނުވަތަ އާއިލާގެ މީހަކު ކަމުގައި ވިޔަސް ބަންދު ކުރެވޭތާ ފުރަތަމަ 36 ގަޑިއިރުގެ ތެރޭގައި ބައްދަލެއް ނުކުރެވޭނެ ކަމަށެވެ.
ތަހުގީގުގައި ހަނު ނުހުރެވޭނެ ކުށްތަކަކީ މީހުން މެރުމުމާއި މާރާމާރީ ހިންގުމުގެ ސަބަބުން މީހަކަށް ނުރައްކާތެރި ހާނިކައެއްވުމާއި މާރާމާރީގައި މީހެއްގެ ގުނަވަނެއް ނެތި ދިއުމާއި ޓެރަރިޒަމްގެ އަމަލްތަކާއި ކިޑްނެޕް ކުރުމުގެ ކުށްތަކާއި ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ކުށްތަކާއި ގަދަކަމުން ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށްތަކާއި ވަގު ނޫޓު ޖެހުންފަދަ ކުށްތަކެވެ.
އިނގިލީގެ ނިޝާނާއި ސޮޔާއި އަތުލިޔުމާއި ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ދިނުމާއި ޑީއެންއޭ އަދި އެހެނިހެން ޓެސްޓްތައް ހެދުމަށް ހަށިގަނޑުގެ އެތެރެއިންނާއި ބޭރުން ނަގަންޖެހޭ ސާމްޕަލް ނެގުމުގެ ފުރުސަތު ދިނުމަށް ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ބިލުގައި ލާޒިމްކޮށްފައިވެ އެވެ.