އިންގްލެންޑް ފޯވާޑް ޑެނީ ވެލްބެކް ޖަހައިދިން ދެ ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑް 3-0 އިން އެސްޓަން ވިލާއަތުން ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.

ވިލާ ޕާކުގައި ރޭ ކުޅުނު ޕްރިމިއާ ލީގް މެޗުގެ ފަނަރަ ވަނަ މިނިތްގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ވެލްބެކް އެވެ. ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު އަދުނާން ޔަނުޒާ ވިލާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޮލުންޖަހައި ގޯލާ ދިމާއަށް ފޮނުވާލި ބާރު ހަމަލާ ގޯލް ދަނޑީގައި ޖެހިފައި ބޭރަށް ނުކުތްވަގުތު ވެލްބެކް ވަނީ އިތުރު ވިސްނުމަކަށް ނުގޮސް ވަރަށް ފުރިހަމަ ކޮށް އެބޯޅަ ގޯލްގެ ތެރެއަށް ފޮނުވައިލާފަ އެވެ. އަދި އޭގެ ތިން މިނިޓް ފަހުން އެންޓޯނިއޯ ވެލެންސިއާ ވިލާގެ އޭރިޔާ ތެރެއަށް ނަގައިދިން ހުރަހެއް އެޓީމުގެ ގޯލްތެރެއަށް ފޮނުވާލައިގެން ޔުނައިޓެޑްގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ ވެލްބެކް އެވެ.

ދެވަނަ ހާފުގެ ކުޅުން 2-0ގެ ލީޑެއްގައި އޮވެގެން ފެށި ޔުނައިޓެޑުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ 52 ވަނަ މިނިޓްގަ އެވެ. ވޭން ރޫނީ ތަނަވަސް ކޮށްދިން ފުރުސަތަކުން އެ ލަނޑު ޖަހައިދިނީ ޓޮމް ކްލެވަލީ އެވެ.

ޕްރިމިއާ ލީގު ޗެމްޕިއަން އެ ޓީމުގެ އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވުމާއި އަދި މިފަހަކަށް އައިސް ނަތީޖާތައް ދައްވަމުންދާތީ ގިނަބައެއްގެ ފާޑުކިރުންތަށް ކޯޗު ޑޭވިޑް މޮއެސް އަށް ވަނީ ކުރިމަތި ވެފަ އެވެ. އެހެން ކަމުން ނަތީޖާއާ އެކު ޔުނައިޓެޑްގެ ފޭނުންގެ ހިތަށް ފިނިކަމެއް ލިބިގެންދާއިރު އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނީ މޮއެސްއަށެވެ.

ޔުނައިޓެޑްގެ މި މޮޅާއެކު ލީގުގައި 16 މެޗު ކުޅެގެން އެޓީމަށް މިހާރު ވަނީ 25 ޕޮއިންޓާއެކު ތާވަލުގެ އަށްވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ.