ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމަށް ފެށޭ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މީހަކަށް ދޭންޖެހޭ އިނާޔަތާ ރައްކާތެރިކަމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވުމަށްމަށް ފެށޭ ދައުރުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް ޑރ. ވަހީދު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ފަހު ނޫސްވެރީންނާ ވާހަކަދައްކަވަމުންނެވެ.

"އިރާދަކުރެއްވިއްޔާ ފެށޭ ދައިރު [ގާނޫނަށް އިސްލާހު ގެންނަން] ހުށަހަޅާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ނޫސްވެރީންނާ ވާހަދައްކަވަމުން ކުރީގެ ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނަށް މަރުހަބާ ދެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕެއިން ތެރޭގައި ވެސް ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ރައީސް ވަހީދަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދެއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައި ބުނަނީ އިނާޔަތްދެވޭނީ ދައުރެއް ފުރުހަމަ ކުރެއްވުމުން ކަމަށެވެ. އެ ގާނޫނު ބުނާގޮތުން ރައީސް ކަމުގެ އެއް ދައުރަކީ ދެ އަހަރާއި ހަ މަސް ދުވަހު ރައީސުލްހޫމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމެވެ.