15 Dec 2013, 22:57
މުޖުތަމައުއަށް ފައިދާ ހުރި ކަމެއް ކުރެއްވޭތޯ ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަހެއްހާ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު މިރޭ ރާއްޖެވަޑައިގެން ނޫސްވެރިންނަށް ދެއްވި ކުރު އިންޓަވިއުއެއްގަ އެވެ.
"ދެން މުޖުތަމައުއަށް ކޮންމެވެސް ފައިދާ ހުރި މަސައްކަތެއް ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނީ،" ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވަހީދު ވިދާޅުވި އެވެ.
މިރޭ ރައީސް ވަހީދު މާލެވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ގައުމީ އިއްތިހާދު ޕާޓީ އާއި ޕީޕީއެމްގެ ސަޕޯޓަރުން ވެސް ވަނީ ރައީސް ވަހީދަށް މަރުހަބާ ދަންނަވާފަ އެވެ.
އަނިބިކަނބަލުން އިލްހާމް ހުސައިންގެ ބޭސްފަރުވާ އަކަށް ރައީސް ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތީ އެމަނިކުފާނުގެ ވެރިކަމުގައި މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ.