ހަނދާ ބެހޭ ސައިންސީ ދިރާސާތައް ކޮށް ހޯދުންތައް ހޯދުމަށް ޓަކައި ޗައިނާއިން ފޮނުވި ޖޭޑް ރެބިޓް ރޮބަޓް ރޯވަރ، އޭގެ ލޭންޑިންގ މޮޑިއުލްގެ ބޭނުން ކޮށްގެން ހަނދަށް ޖައްސައިފިއެވެ.

ޖޭޑް ރެބިޓް ރޯވަރ ހަނދަށް ޖައްސައިފައި ވަނީ ސައިނަސް އިރީޑަމް އެވެ ކިޔޭ ސަރަހައްދަށެވެ. މިއީ ހަނދުގައި އޮންނަ ވޯލްކަނިކް ތިރިބިމެކެވެ.

ޖޭޑް ރެބިޓް ރޯވަރގެ ލޭންޑިންގ މޮޑިޔުލްގެ މަސައްކަތް އިއްޔެ ހެނދުނުއްސުރެ ކޮށް، ކާމިޔާބުކަމާ އެކު އުޅަނދު ހަނދުގެ ސަތުހުގައި ބީއްސާލެވުމާ ގުޅިގެން، ސައިންސްވެރީން ބުނެފައި ވަނީ މިއީ ސައިންސާއި ޓެކްނޮލޮޖީގެ މައިދާނުގައި އާދަޔާ ޚިލާފު ކާމިޔާބެއް ކަމަށެވެ.

ޗައިނާގެ އުޅަނދަކީ 1976 ގެ ފަހުން ހަނދުގައި ޖެއްސި ފުރަތަމަ އުޅަނދެވެ.

ޗައިނާގެ ރަސްމީ ނިއުސް އޭޖެންސީ ޒިންހުއާ ނިއުސް ސަރވިހުން ރިޕޯޓު ކޮށްފައި ވާ ގޮތުގައި، ޖޭޑް ރެބިޓް ރޯވަރ ހަނދުގައި އެއް އަހަރުގެ މުއްދަތަށް މަޑު ކުރާނެއެވެ. މި މުއްދަތުގެ ތެރޭގައި، އުޅަނދުގެ މަސައްކަތްތައް ހިނގާނީ ތިން މަސް ދުވަހުއެވެ.

ޖޭޑް ރެބިޓް ރޯވަރ ހަނދާ ހަމަޔަށް ވާސިލު ވެފައި ވަނީ ލޯންގް މާރޗް 3 ބީ ރޮކެޓުގައި، 12 ދުވަހުގެ ދަތުރަކަށް ފަހުގައެވެ. ލޯންގް މާރޗް 3 ބީ ރޮކެޓް އުދުއްސައިލެވުނީ ޗައިނާގެ ދެކުނުގެ ޝަހަރެއް ކަމަށް ވާ ޜައިޗާންގްގެ ޖައްވީ ބަނދަރަކުންނެވެ.

ޖޭޑް ރެބިޓް ރޯވަރ އަކީ ހަނދުގެ ސަތުހުގައި ޖެއްސި ތިންވަނަ އުޅަނދެވެ. މީގެ ކުރީން ހަނދަށް ޖައްސައިފައި ވަނީ އެމެރިކާ އާއި ރަޝިއާގެ ޖައްވީ ދެ އުޅަނދެކެވެ. އެންމެ ފަހުން ހަނދަށް ޖެއްސީ ރަޝިއާއިން ފޮނުވި ލުނޮކްހޮޑް 2 އެވެ. 840 ކިލޯގްރާމުގެ ލުނޮކްހޮޑް 2 އަކީ ވެސް ޖޭޑް ރެބިޓް ރޯވަރ އެކޭ އެއްފަދައިން އިންސާނުންނާ ނުލައި އުދުހޭ އުޅަނދެކެވެ.

ހަ ފުރޮޅު ހިމެނޭ، 120 ކިލޯގްރާމުގެ ޖޭޑް ރެބިޓް ރޯވަރ އަކީ ލުނޮކްހޮޑް 2 އަށް ވުރެ ބޮޑަށް ތަރައްގީ ކުރެވިފައި ވާ، އެއަށްވުރެ ވަރުގަދަ އުޅަނދެކެވެ. މި އުޅަނދަށް ހަނދުގެ ބިން ތޮރުފައިގެން ބިމުގެ އަޑީގެ ފަށަލަތައް ބަލައި، މިނައި ދިރާސާ ކުރުމުގެ ގާބިލުކަން ވެސް ލިބިގެން ވެއެވެ. ޗައިނާގެ ސައިންސްވެރީން ބުނާ ގޮތުގައި މި މިޝަނުގެ އެއް ބޭނުމަކީ ހަނދުގައި ހުރި ގުދުރަތީ ވަސީލަތްތަކަކީ ކޮބައިތޯ ބަލައި ދެނެގަތުމެވެ.

އިރުގެ އަލީން ހަކަތަ އުފައްދާ "ޖޭޑް ރެބިޓް ރޯވަރ" ގައި، އުޅަނދު ހޫނުކޮށް ބެހެއްޓުމަށް ޓަކައި ނިއުކުލިއަރު ހަކަތަ އުފައްދާ ބައެއް ވެސް ލެވިފައި ވެއެވެ. އުޅަނދު ހޫނުކޮށް ބަހައްޓާން ޖެހެނީ ހަނދުގައި ރޭގަނޑުގެ ފިނިކަން އިންތިހާއަށް ގަދަ ވީމައެވެ.

"ޖޭޑް ރެބިޓް" މި ނަމަކީ ގަދީމީ ސީނުކަރައިގެ ޚުރާފާތެއްގެ ތެރެއިން ނެގިފައި ވާ ނަމެކެވެ. ގަދީމީ ސީނީން ގަބޫލު ކުރި ގޮތުގައި، ހަނދުގެ ކަލާނގެ ޗޭންގްއީ ގެންގުޅޭ އޮޅު މުސަޅެއް އޮވެއެވެ. އެ މުސަޅު ދިރިއުޅެނީ ޗޭންގްއީއާ އެކު ހަނދުގައެވެ.