މަރުގެ މައްސަލަތަކާއި ކިޑްނެޕް ކުރުމާއި ޓެރަރިޒަމްގެ ކުށްތަކުގައި ހަނު ހުރުމުގެ ހައްގު ހަނި ކުރުމަށް ޖިނާއީ އިޖުރާއަތުގެ ބިލުގައި ހިމަނައިފި އެވެ.

ގާނޫނު އަސާސީން ލިބިދީފައިވާ ހަނު ހުރުމުގެ ހައްގު، ހަނިކޮށްފައި ވަނީ ގައުމީ ސަލާމަތު ކޮމެޓީން ދިރާސާ ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ބިލުގެ ފަސް ވަނަ މާއްދާގަ އެވެ. އެ މާއްދާގައި ހަނު ހުރުމުގެ ހައްގު ހިފެހެއްޓޭނެ ގިންތިތައް ކަނޑައަޅާފައިވެ އެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ބިލުގެ ފަސް ވަނަ މާއްދާގެ ( ބ) ގައި ހަނު ނުހުރެވޭނެ އަށް ކުށެއް ކަނޑައަޅާފައިވެ އެވެ.

އެގޮތުން މީހުން މެރުމުގެ ކުށާއި މާރާމާރީ ހިންގުމުގެ ސަބަބުން މީހަކަށް ނުރައްކާތެރި ހާނިކައެއްވުމާއި މާރާމާރީގައި މީހެއްގެ ގުނަވަނެއް ނެތި ދިއުމާއި ޓެރަރިޒަމްގެ އަމަލްތަކާއި ކިޑްނެޕް ކުރުމުގެ ކުށްތަކާއި ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ކުށްތަކާއި ގަދަކަމުން ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގުމުގެ ކުށްތަކާއި ވަގު ނޫޓު ޖެހުންފަދަ ކުށްތަކުގައި ހަނު ނުހުރެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ބިލުގައިވެ އެވެ. އަދި އިނގިލީގެ ނިޝާނާއި ސޮޔާއި އަތުލިޔުމާއި ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ދިނުމާއި ޑީއެންއޭ އަދި އެހެނިހެން ޓެސްޓްތައް ހެދުމަށް ހަށިގަނޑުގެ އެތެރެއިންނާއި ބޭރުން ނަގަންޖެހޭ ސާމްޕަލް ނެގުމުގެ ފުރުސަތު ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ބިލުގައި ލާޒިމްކޮށްފައިވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ބިލު ބުނާ ގޮތުން ހަނު ނުހުރެވޭނެ ކުށްތަކުގައި ތަހުމަތުގައި ބަންދުގައި ތިބޭ މީހުން، އާއިލާގެ މީހުންނާއި ގާނޫނީ ވަކީލަކާއެކު ވެސް، ބަންދު ކުރާތާ ފުރަތަމަ 36 ގަޑިއިރު ތެރޭ، އެކަހެރިކޮށް ބައްދަލެއް ނުކުރެވޭނެ އެވެ.

ބިލާ ބެހޭ ގޮތުން ގައުމީ ސަލާމަތު ކޮމެޓީގައި ކޮމެންޓް ކުރައްވަމުން ހައި ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފު ވިދާޅުވީ ކުށެއްގެ ތުހުމަތު ރައްދުވާ ފަރާތާއެކު، އެކަހެރިކޮށް ބައްދަލު ކުރުމުގެ ވަގުތު ދިނުމަކީ އިހްތިޔާރީ އެއްޗަކަށް ހެދުން ރަނގަޅު ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ފުލުހުންގެ ތަހުގީގު ފުރިހަމަވުމުން، ވަކީލަކާ ބައްދަލު ކުރަން ފުރުސަތު ދެވޭ ހާލަތައް ދިއުމުން، އެފުރުސަތު އޭނާއަށް ދޭންޖެހޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"އެކަހެރިކޮށް ބައްދަލު ނުކުރުމުގެ ފުރުސަތު ހިފެހެއްޓުމުގެ ބާރު ތަހުގީގު ކުރާފަރާތަށް ލިބިދޭން ޖެހޭނެ. އެ ބާރު އިހްތިޔާރީ ބާރަކަށް ދޭން އެބަޖެހޭ. އެއީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އެބަ ބުނޭ، އެންމެ މިނިމަމްކޮށް ހިފަހައްޓަންޖެހޭ ވަރަކަށޭ، ހައްގުތައް ހިފަހައްޓަން ވާނީ. ފަހަރެއްގައި މައްސަލައިގެ ބާވަތުން 24 ގަޑިއިރު ތެރޭގައި ވެސް ފުލުހުންނަށް ބޭނުންވާ ކަންތައްތައް ކޮށްފައި ވަކީލެއްގެ ހައްގު ދެވޭ ހާލަތައް އައިސްދާނެ. މިހާރު މިއޮތް ގޮތުން އެހާލަތައް އަޔަސް، އެ 36 ގަޑިއިރުވަންދެން ބަންދުގައި ބަހައްޓަން އެބަޖެހޭ،" ހައި ކޯޓުގެ ފަނޑިޔާރު އައްބާސް ޝަރީފު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ބިލުގެ ދިރާސާގެ މަރުހަލާގައި ކޮމެޓީއަށް މިއަދު ހާޒިރުވީ ފުލުހުންނާއި ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސް (ޑީޕީއާރްއެސް) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ބޭފުޅުންނެވެ.