މުސާރައިގެ އިތުރުން ރިޝްވަތު ހިފައިގެން ގިނަ އަދެއްގެ ފައިސާ ކަސްޓަމްސް އޮފިސަރުންނަށް ލިބެމުން އަންނަ ކަމަށް ސްޓޭޓް މިނިސްޓަރު މުހައްމަދު އަސްވާން ވިދާޅުވެއްޖެ އެވެ.


އެންޓި ކޮރޮޕްޝަން ދުވަހާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ބޭއްވި ބައްދަލުވުމެއްގައި ކަސްޓަމްސް ހިންގެވުމާ ހަވާލުވެ ހުންނެވި އަސްވާން ވިދާޅުވީ ކަސްޓަމްސްގައި ކުރި ދިރާސާއަކުން ކަސްޓަމްސްގެ ގިނަ އޮފިސަރުންތަކަކަށް މުސާރައިގެ އިތުރުން އެތައް ބައިވަރު ފައިސާއެއް ރިޝްވަތު ހިފައިގެން ލިބެމުން އަންނަކަން ހާމަވެފައިވާ ކަމަށެވެ.


ނަމަވެސް އެއީ ކިތައް އޮފިސަރުންކަމާއި އެ ފަރާތްތަކަށް ލިބެނީ ކިހާ ފައިސާއެއް ކަމެއް ސްޓޭޓް މިނިސްޓަރު ވިދާޅެއް ނުވެއެވެ.


"އަޅުގަނޑުމެން ދިރާސާއެއް ކުރީ ކަސްޓަމު އޮފިސަރަކަށް ކިހާ ފައިސާއެއް ލިބޭތޯ. (ދިރާސާ ކުރިއިރު) އެމީހެއްގެ މުސާރައަށް ލިބޭ ފައިސާގެ އިތުރުން ވަރަށް ގިނަ އަދަދެއްގެ ފައިސާ އެބަ ލިބޭ (ރިޝްވަތުގެ ގޮތުގައި)" އަސްވާން ވިދާޅުވި އެވެ.


ނަމަވެސް އޭގެ މާނައަކީ ކަސްޓަމްސްގެ ހުރިހާ އޮފިސަރުން ރިޝްވަތު ހިފަމުން ދިއުން ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ކަސްޓަމްސް އޮފިސަރުންނަށް ރިޝްވަތު ނެގުމަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި އެތަނުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަކަށް ބައްޓަން ކުރެވިފައި ނެތުމާއި ތަނުގެ ގަވާއިދުތައް ބަލިކަށިވުން ހިމެނޭ ކަމުގައި ވެސް އަސްވާން ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަން އެގޮތަށް އޮތުމުން ކަސްޓަމުގެ އޮފިސަރުންނަށް އެތައް މިލިއަން ރުފިޔާގެ ފައިދާ ނެގުމުގެ ބާރުވެރިކަން ލިބިފައިވާ ކަމަށެވެ.


"ޓްރާންސް ޕޭރަންސީއެއް [ދެފުށް ފެންނަ ގޮތަށް] ނުހުރޭ. ލިޔެވިފައި ހުންނަ ގަވާއިދުތައް ވެސް މިހުންނަނީ ވަރަށް ޖެނެރަލް [އާންމު] ގޮތަކަށް. އެންވީމަ އެކަން ކުރުމަށްޓަކައި ހުންނަ އޮފިސަރަށް އެތައް މިލިއަން ރުފިޔާއެއްގައި ޖެހުމުގެ ބާރުވެރިކަން ލިބިގެންދޭ. މީގެންވެސް ދޭހަވާ އެއްޗަކީ ނިޒާމުތައް ބައްޓަން ވެފައިހުންނަ ގޮތުގެ ސަބަބުންކަން މިކަހަލަ ކަންތައްތައް މެދުވެރި މިވަނީ."


އެންޓި ކޮރޮޕްޝަން ދުވަހާ ގުޅުވައިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ 13 ޖަމިޔާ އެކުލެވޭ ގޮތަށް އެންޓި ކޮރޮޕްޝަން ނެޓްވޯކެއް ވެސް އެފައްދާފައި އެވެ. މި ނެޓްވޯކުގެ ބޭނުމަކީ ރާއްޖޭގައި ހިނގާ ކޮރޮޕްޝަން އަމަލުތަކާމެދު އާންމުގެ ފާރަތްތަކުން ފާރަވެރިވެ މީހުންގެ ހޭލުންތެރި ކުރުވައި ދައުލަތާއި އާންމު ރައްޔިތުން ޒިންމާދާރު ކުރުވުމެވެ.


އެ ނެޓްވޯކުން މިއަދު ވަނީ ވީއެންމެ އަވަހަކަށް އޮޑިޓަރ ޖެނެރަލެއް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި ރައީސުލް ޖުމްހޫރިއްޔާއަށް ގޮވާލައިފަ އެވެ.


ޓްރާންސް ޕޭރަންސީ މޯލްޑިވިސް އިން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮރޮޕްޝަނާ ދެކޮޅު ގަރާރެއްގައި ހުރިހާ ބައިވެރިން ސޮއި ކުރި އެވެ. އަދި ކޮރޮޕްޝަނާ މެދު މީހުން ހޭލުންތެރި ކުރުވާފަދަ ޝިއާރުތަކާއި ކުރެހުތަކެއް އެކުލެވޭ ކަލަންޑަރެއް ވެސް ނެރުނެވެ.