މެންޗެސްޓާ ސިޓީއަތުން 6-3 އިން އާސެނަލް ބަލިވި މެޗަށް ފަހު ސަޕޯޓަރުންނާ ސަލާމް ނުކޮށް އަވަހަށް ގޮސް ޑްރެސިން ރޫމްތެރެއަށް ވަނީ ބަލިވުމުން ވީ ދެރައެއްގެ ސަބަބުން ކަމަށާއި އަދި ޝުކުރު އަދާނުކޮށް އެގޮތަށް ދެވުމުން ކްލަބުގެ ހުރިހާ ފޭނުންގެ ކިބައިން މާފަށް އެދޭކަމަށް އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް ބުނެފި އެވެ.

އޮޒިލްވަނީ އެމެޗުގެ ރެފްރީ އެންމެ ފަހުގެ ކަށިގަނޑު ފުމެލުމާއެކު މަޑުކޮށްލުމެއް ނެތި އިސްދަށަށް ޖަހާލައިގެން ޑްރެސިން ރޫމްތެރެއަށް ވަދެފަ އެވެ. އެހެން ނަމަވެސް ކްލަބުގެ އެހެން ކުޅުންތެރިން ވަނީ ސަޕޯޓަރުންނާ ސަލާމް ކުރުމަށް މަޑުކޮށްފަ އެވެ.

"ވަރަށް ބޮޑަށް މާފަށް އެދެން. މެޗު ނިމުމުން އަހަރެމެންގެ ސަޕޯޓަރުންނަށް ޝުކުރު ވެސް އަދާ ނުކުރެވުނު،" އޮޒިލް އޭނާގެ ވެބްސައިޓްގައި ބުނެފައި ވެއެވެ. "ވަރަށް ދުރު ހިސާބުތަކުން އެތައް ފައިސާއެއް ހަރަދު ކޮށްފައި އަހަރެމެންނަށް ސަޕޯޓުކުރަން އަންނަނީ ކްލަބުދެކެ ލޯބިވާތީކަން އަހަންނަށް ގަބޫލު ކުރެވޭ."

ސްޕެއިންގެ ރެއާލް މެޑްރިޑުން ކްލަބު ރެކޯޑު ފީއަކަށް އާސެނަލްއަށް ގެނައި 25 އަހަރުގެ ޖަރުމަން މިޑްފީލްޑަރު ވަނީ، އޭނާ އެ ކްލަބާ ގުޅުނުފަހުން ޓީމުގައި ނުފޫޒު ގަދަ ކުޅުންތެރިއަކަށް ވެފަ އެވެ.

"މެޗުގެ ނަތީޖާގެ ސަބަބުން އަހަރެން ވަރަށް ބޮޑަށް ދެރަވި، އެކަމަކުވެސް އަހަރެން ގަބޫލުކުރަން ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން މަޑުކޮށްލަން ޖެހޭނެކަމަށް، އަދި އަހަންނަށް އެނގޭ ބަލިވިޔަސް، މޮޅުވިޔަސް އަދި އެއްވަރު ވިޔަސް މިކަން ކުރުމަކީ އާސެނަލްގެ ސަގާފަތެއްކަން،" އޮޒިލް ބުންޏެވެ.

ސިޓީ އަތުން ބޮޑު ތަފާތަކުން ބަލިވުމުން އާސެނަލްއަށް ވަނީ، ތާވަލުގެ ކުރީގައި އެޓީމު ހޯދާފައިވާ ފަސް ޕޮއިންޓުގެ ލީޑު ދެ ޕޮއިންޓަށް ކުޑަވެފަ އެވެ.