އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކާޑީފް ސިޓީ އަތުން 1-0 އިން ބަލިވި މެޗަށް ފަހު ވެސްޓް ބްރޮމް އަލްބިއަންގެ ކޯޗު ސްޓީވް ކްލާކް އެ މަގާމުން ދުރުކޮށްފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ބެސްޓް ބްރޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 2013 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި އެ ކްލަބުން ސްކޮޑް ވަރުގަދަކުރަން ބޮޑު ހަރަދެއްކޮށްފައިވީ ނަމަވެސް އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާ ކަމަށެވެ.

"މިއީ 2013 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ކްލަބުން ނެރެފައިވާ ދަށް ނަތީޖާގެ ސަބަބުން މާޔޫސްވެފައިވާ ކްލަބުގެ ބޯޑުގެ ޑައިރެކްޓަރުންގެ އިއްތިފާގުން ނިންމި ނިންމުމެއް،" ވެސްޓް ބްރޮމްއިން ނެރުނު ބަޔާނުގައިވެ އެވެ. "އަލްބިއަންއަށް މި ސީޒަންގައި ޕްރެމިއާ ލީގުގައި ކުޅުނު 34 މެޗުގެ ތެރެއިން އެންމެ ހަތްމެޗުން މޮޅުވެވިފައި ވަނީ."

ވެސްޓް ބްރޮމްއިން ބުނީ، ކްލަބުގެ ހެޑްކޯޗު ކްލާކްއާއި އޭނާގެ އެސިސްޓެންޓް ކެވިން ކީންއަށް ވެސް ނޯޓިސް ދީފައިވާއިރު ވަގުތީ ގޮތުން ކްލަބާ ހަވާލުވާނީ ޖޮއިންޓް އެސިސްޓެންޓް ކޯޗު ކެއިތު ޑައުނިން ކަމަށެވެ.

ޓެކްނިކަލް ޑައިރެކްޓަރު ރިޗަޑް ގާލިކް ވިދާޅުވީ ކްލާކު މަގާމުން ދުރުކުރަން ބޯޑުން ނިންމި ނިންމުމަކީ އުނދަގޫ އެހެން ނަމަވެސް ކޮންމެ ހެން ކުރަން ޖެހިގެން ކުރި ކަމެއް ކަމަށެވެ.

"މިހާރު ކްލަބުގެ ކުޅުންތެރިންނަށް ދޭ އުޖޫރައަކީ މި ކްލަބުގެ ތާރީހުގައިވެސް ދެވޭ އެންމެ ބޮޑު އުޖޫރަ،" ރިޗަޑް ވިދާޅުވި އެވެ.

މި ދިޔަ ސީޒަން ލީގުގެ އަށް ވަނައިގައި ނިންމައިލި ވެސްޓް ބްރޮމްއިން ވަނީ މި ސީޒަނަށް ކްލަބު ވަރުގަދަކުރުމުގެ ގޮތުން ކްލަބު ފެންވަރުގައި ބޮޑު ހޭދަތަކެއް ކޮށްފަ އެވެ. އެގޮތުން ކްލަބު ރެކޯޑު ފީއަކަށް ސްޓްރައިކާ ސްޓެފަނީ ސެސެގްނަން އެޓީމަށް ގެނެސްފައިވާއިރު އެވަޓަންގެ ކުރީގެ ފޯވާޑް އަނިޗެބޭގެ ޓްރާންސްފާ ފީވެސް ހަ މިލިއަން ޕައުންޑަށް ވުރެ މަތިވާނެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ވެސްޓް ބްރޮމްގެ ކޯޗު ކަމާ ހަވާލުވި ކްލާކުގެ ކޮންޓްރެކްޓުގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވާއިރު އޭނާއަކީ މި ސީޒަންގައި ޕްރިމިއާ ލީގު ޓީމުތަކުން ކޯޗުކަމުން ވަކިކުރި ހަތަރުވަނަ ކޯޗެވެ. މި ހަތަރު ޓީމުވެސް މިވަގުތު އޮތީ ލީގުގެ އެންމެ ފަހަތުގަ އެވެ.

ސެޕްޓެމްބަރު މަހު ސަންޑަލޭންޑުގެ ކޯޗު ކަމުން ޕައުލޯ ޑި ކެނިއޯ ވަކިކޮށްފައިވާއިރު އޭގެ މަހެއް ފަހުން ކްރިސްޓަލް ޕެލަސްގެ ކޯޗުކަމުން ލޭން ހޮލޮވޭ ވަނީ ދުރުކޮށްފަ އެވެ. އަދި މީގެ ދެ ހަފުތާ ކުރިން ފުލަމްގެ ކޯޗު ކަމުން މާޓީން ޖޮލް ވެސް ވަނީ ވަކިކޮށްފަ އެވެ.

ކުރިން ޗެލްސީ، ވެސްޓްހޭމް އަދި ލިވަޕޫލްގެ އެސިސްޓެންޓް ކޯޗުކަންކުރި ސްޓީވް ކްލާކު ހެޑް ކޯޗުކަމާ ހަވާލުވި މިއީ ފުރަތަމަ ފަހަރެވެ.