ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި 892 ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށް އެޕާޓީއިން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ޕާޓީގެ ތެރޭގައި ކުރިއަށް ދިޔަ ޕްރައިމަރީ ކާމިޔާބުކޮށްފައިވާ 892 ކެންޑިޑޭޓެއްގެ ފޯމް އެޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން މިދޭތެރެއިން ބޭއްވި ޕްރައިމަރީސް ނިންމާ، ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ފަރާތުން 892 ކެންޑިޑޭޓެއްގެ ފޯމު މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި. ދެން އެދާއިރާތައް މުޅިން ނިމިގެން އައިމާ ދާއިރާތައް އަޅުގަނޑުމެން ދަންނަވާލާނަން. 892 ކެންޑިޑޭޓުން ލޯކަލް ކައުންސިލަރުންގެ ގޮތުގައި ޕާޓީގެ ސީދާ ނަމުގައި ލާފަ ވެއްޖެ،" ރީކޯ މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ ފަރާތުން ސީދާ ކުރިމަތި ނުލާ ކަމުގައި ވީ ނަމަވެސް، ޕާޓީއަށް ތާއިދުކުރާ ބައެއް ބޭފުޅުން އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައިވެސް ލޯކަލް ކައުންސިލްތަކަށް ކުރިމަތިލާފައިވާ ކަމަށެވެ.

"ނަމަވެސް މިހެން ދަންނަވާއިރު ޕްރައިމަރީސްއަކާ ނުލާ ބައެއް ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުގެ ފޯމުތައް ވެސް ހުށަހަޅާފައިވާ ކަން އަޅުގަނޑުމެން ފާހަގަކުރަން. އެމްޑީޕީއަށް ތާއީދުކުރާ ބައެއް މިނިވަން ކެންޑިޑޭޓުންވެސް ކުރިމަތިލާފައިވާ ކަން ފާހަގަކުރަން" މޫސަ ވިދާޅުވި އެވެ.

އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްލަ 1،115 ކައުންސިލަރުން އިންތިހާބުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 975 ރަށު ކައުންސިލަރުންނާއި 123 އަތޮޅު ކައުންސިލަރުންގެ އިތުރުން 17 ސިޓީ ކައުންސިލަރުން ނެވެ.