15 Dec 2013, 16:34
ޓާޝަރީ ސްޓޭންޑެޑް ލޯން ސްކީމްގެ ދަށުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދިނުމަށް ކަނޑައެޅި 250 ކުދީންނަށް އެކަމުގެ ލިޔުން ހަވާލު ކުރުން ފަސްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެގޮތަށް އަންގާފައި ވަނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް ތަހުގީގުކޮށް ނިމެންދެން ކަމަށެވެ.
އޭސީސީން އެ އެންގުން އަންގާފައި ވަނީ ދަރިވަރުންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ފެށެން 20 މިނެޓަށް ވެފައި ވަނިކޮށެވެ.
އެޑިއުކޭޝަން މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރީ އަޒްލީން އަހްމަދު ވިދާޅުވީ ލޯން ސްކީމް ކުރިއަށްގެންދާ ގޮތާ ގުޅޭގޮތުން މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާތީ އެ މައްސަލަތައް ބަލައި ނިމެންދެން ދަރިވަރުންނަށް ލިޔުން ހަވާލުކުރުން ހުއްޓާލަން އޭސީސީން އަންގާފައިވާ ކަމަށެވެ.
"ގާނޫނީ ގޮތުން މައްސަލަތަކެއް އުޅޭ ކަމަށް އޭސީސީން އެންގީމާ އެ ޕްރޮސެސް ކުރިއަށް ގެންދެވޭކަށް ނޯންނާނެ އެ މައްސަލަ ރަނގަޅަށް ބެލުމަށްފަހު. ފޯނުން އެބޭފުޅުން ގުޅުއްވީ. ގުޅުއްވީމަ އަޅުނގަޑުމެން ދެންނެވިން މިނިސްޓަރަށް ގުޅުއްވާށޭ. އެހެން ދެންނެވުމުން މިނިސްޓަރު ވިދާޅުވީ އެ އިތުރަށް ރީ ކޮންސިޑާ ކުރަންޖެހޭ ވަރުގެ ކަމެކޭތީ. ދައުލަތުގެ އެވަރުގެ މުއައްސަސާއަކުން އެންގީމަ އެކަން ބަލަންޖެހޭނޭ،" އަޒްލީން ވިދާޅުވި އެވެ.
މިދިޔަ އޮގަސްޓު މަހު އިއުލާން ކުރި ޓާޝަރީ ސްޓޫޑަންޓް ލޯން ސްކީމްގެ ޕްރޮސެސް ކުރިއަށްދާ ގޮތް ބެލުމަށް އޭސީސީގެ ޓީމެއް އެ މިނިސްޓްރީ އަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރީން ވަނީ ބުނެފަ އެވެ.
އޭސީސީން އެ މައްސަލަ ބަލައި ނިމުން އެ ކޮމިޝަންގެ ހުއްދައާ އެކު ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މަތީތައުލީމަށް ހޮވުނު ދަރިވަރުންގެ އިއުލާން ކުރެވޭވަރު ވާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.