ދެކުނު އެފްރިކާގެ މިނިވަންކަމުގެ ބާނީ އަދި ކުރީގެ ރައީސް ނެލްސަން މަންޑޭލާގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި މިއަދު ފަސްދާނުލައްވައިފި އެވެ.

މަންޑޭލާ ފަސްދާނު ލައްވާފައިވަނީ ކޫނޫގައި، ހުންނަ މަންޑޭލާގެ އާއިލާ ބިމެއްގަ އެވެ. ފަސްދާނުލީ އިރު، ޖަނާޒާގައި ގިނަ އަދަދެއްގެ ބޭރުގެ އިއްޒަތްތެރިންނާއި ދެކުނު އެފްރިކާގެ ރައްޔިތުން ބައިވެރިވެފައިވެ އެވެ.

މަންޑޭލާ އަވާހަރަވެފައި ވަނީ ފުއްޕާމޭގެ އާލާސްކަންފުޅަކާ ހަނގުރާމަކުރެއްވުމަށް ފަހު މިމަހުގެ ފަސް ވަނަ ދުވަހު އެވެ.

މަންޑޭލާ ފަސްދާނުލެއްވުމުގެ ރަސްމިއްޔާތުގައި 4،500 އެއްހާ މީހުން ބައިވެރިވެފައިވެ އެވެ. އެރަސްމިއްޔާތުގައި މަދު ބަޔަކު ބައިވެރިވެފައި ވަނީ އާއިލާގެ އެދުމުގެ މަތިން ނެވެ.

މަންޑޭލާގެ ޖަނާޒާ ފެށުމުގެ ގޮތުން އެންމެ ފުރަތަމަ އަސްކަރިއްޔާގެ ރަސްމީ އިއްޒަތުގައި މަންޑޭލާގެ ހަށިކޮޅު ގެންގޮސްފައި ވަނީ، މަންޑޭލާގެ ގެކޮޅުން ޖަނާޒާގެ ރަސްމިއްޔާތަށް ކޫނޫގައި ހަދާފައިވާ ބޮޑު ޓެންޓަކަށެވެ. އެޓެންޓުގައި އޮތް ރަސްމިއްޔާތުގައި ދެކުނު އެފްރިކާގެ ސިޔާސީ އިސްވެރިންނާއި ދީނީ ވެރިން ވާހަކަދެއްކެވި އެވެ.

ޓެންޓުގެ ތެރޭގައި މަންޑޭލާގެ ބޮޑު ފޮޓޯފުޅެއްގެ ކުރިމަތީގައި 95 އުއްބަތި ރޯކޮށްފައި ހުއްޓެވެ. އެއިން ކޮންމެ އުއްބައްތިއެއް ރަމްޒުކޮށްދެނީ މަންޑޭލާ ދުނިޔޭގައި ދިރިއުޅުއްވި އަހަރެކެވެ.

މަންޑޭލާގެ ގަބީލާގެ ފަރާތުން ވާހަކަދެއްކެވި ޗީފް ގަންގޮންބަލާ މަޓަންޒިމާ، މަންޑޭލާ ސިފަކުރެއްވީ ބޮޑު ބިޔަ ގަހެއްގެ ގޮތުގަ އެވެ.

"ބޮޑު، ބިޔަ ގަހެއް މިވެއްޓުނީ. މަންޑޭލާ މިހާރު އެދަނީ ކާއްބަފައިންނާއެކު އަރާމުކުރަން. މަންޑޭލާ ފަދަ ލީޑަރެއް އަހަރެމެންނަށް ދައްކުވައިދިނީތީ ޝުކުރު ކުރަން،" ގަންގޮންބަލާ މަޓަންޒިމާ ވިދާޅުވި އެވެ.

އެރަސްމިއްޔާތުގައި މަންޑޭލާއަށް ކާފަ ކިޔާ ދެކުއްޖަކު ވާހަކަދެއްކެވި އެވެ. މަންޑޭލާފެ ކާފަ ދަރިކަނބަލެއް ކަމަށްވާ ނަންޑީ ބުނީ އެންމެ ބޮޑަށް ހަނދާން ވަނީ މަންޑޭލާގެ ހިނިތުންވުން ކަމަށެވެ.

"ކާފަގެ މަތިން ވަރަށް ހަނދާން ވާނެ. ހާއްސަކޮށް އަހަރެމެން އުޅޭ ގޮތާ މެދު ހިތްހަމަނުޖެހުމުން ހަރުކަށިކަމާއެކު އެކަންކަން މަނާކުރާ ކުރުން،" ނަންޑީ ބުންޏެވެ.

ކޫނޫގައި ޖަނާޒާގެ ކަންކަން ކުރިއަށް ދިޔައިރު، ދުރުގައިވާ ޕްރެޓޯރިއާގައި ވަނީ މަންޑޭލާގެ ހަނދާނުގައި ހަމަ އެވަގުތު 21 ބަޑީގެ ސަލާމެއް އަރުވާފަ އެވެ.

އެރަސްމިއްޔާތަށް ފަހު މަންޑޭލާގެ ހަށިކޮޅުގެ ގެންގޮސްފައިވަނީ ކޫނޫގައި ހުންނަ މަންޑޭލާގެ އާއިލާގެ ބިމަކަށެވެ. މަންޑޭލާގެ ހަށިކޮޅު ފަސްދާނުލެއްވީ އެތާނގަ އެވެ.

ފަސްދާނުލެއްވުމުގެ ކަންކަން ކުރިއަށް ދިޔައިރު، ދެކުނުގެ އެފްރިކާގެ ވައިގެ ސިފައިން ވަނީ އެސަރަހައްދުގެ މަތިން "ފުލައި ޕާސްޓެއް" ދުއްވާފަ އެވެ.

މަނޑޭލާގެ ހަށިކޮޅު ބިމަށް ތިރިކުރެވުމުގެ ކުރިން ދެކުނުގެ އެފްރިކާގެ ފާދިރީއެއް ކަމަށްވާ ބިޝޮޕް ސިވާ ވިދާޅުވީ މިނިވަންކަމަށްޓަކައި މަންޑޭލާ ކުރި ދިގު ދަތުރު ހަގީގަތުގައިވެސް މިނިމުނީ ކަމަށެވެ.