ގއ. ކަނޑުހުޅުދޫ ކައުންސިލް އިދާރާއާއި ކޯޓު ފަޅާލައި ތިޖޫރިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށްނެގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަނޑުހުޅުދޫން ކަމަށެވެ.

"އެމީހާ ހޯދުމަށް ކުރި މަސައްކަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ކައުންސިލް އިދާރާގެ ތިޖޫރިން ވަގަށް ނަގާފައި ވަނީ 65،000ރ. ވަރަކަށް ރުފިޔާ ކަމަށާއި އަދި ކޯޓުގެ ތިޖޫރިން ވަގަށް ނަގާފައި ވަނީ 40 ވަރަކަށް ހާސް ރުފިޔާ ކަމަށް ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން އެމީހާ ހައްޔަރުކޮށްފައި ވަނީ ވަލު ތެރޭގައި ބަނގުރާ ކައްކަން އިންދާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފަ އެވެ.

އެކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލާ ގުޅާލުމުން ވިދާޅުވީ އެއީ ދޮގެއް ކަމަށާއި އޭނާ ހައްޔަރު ކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެ ރަށު އިރުދޭމާގޭ ޝިފާޒް އަހްމަދު،26، އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކަނޑުހުޅުދޫގައި ހަރަކާތްތެރިވާ ފުލުހުންގެ ޓީމުން ކުރަމުން އަންނަ ކަމަށެވެ.