15 Dec 2013, 15:14
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ދައުލަތުން ހުށަހެޅި ހުރިހާ ހެކީންގެ ހެކިބަސް ނަގައިނިމިއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ތިން ފުލުހަކު ވަނީ އެ މައްސަލައާ ގުޅިގެން ހެކި ބަސްދީފަ އެވެ.
ހެކި ބަސްދިން ތިން ފުލުހުން ވެސް ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި ޖާބިރާއި އިތުރު ބަޔަކު ހައްޔަރުކޮށްފައި ތިބި ދިމާލާ 10 ވަރަކަށް ފޫޓު ދުރުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ތެޔޮބިޑި" ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނުނު ކަމަށެވެ.
ޖާބިރުގެ ވަކީލު އިޝްހާރު ތައުފީގު ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި އެ ތިން ފުލުހުން ވެސް ބުނީ ޖާބިރު މަސްތުވާތަކެތި ގެންގުޅެނިކޮށް އަދި އެތަކެތި ބޭނުންކޮށް މުއާމަލާތްކުރަނިކޮށް އެމީހުންނަށް ފެނިފައިނުވާ ކަމަށެވެ.
ހޮނޑައިދޫން ފެނުނު މަސްތުވާތަކެތި ތަހުލީލު ކުރި ފުލުސް އޮފިސަރު ވެސް ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދީފަ އެވެ.
އޭނާ ވިދާޅުވީ އެތަކެތި ޕޮޒިޓިވްވެފައި ވަނީ ކެނަބިސް އަށް ކަމަށާއި ތަހުލީލު ރިޕޯޓަކީ ސައްޚަ ރިޕޯޓެއް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޖާބިރު ވިދާޅުވީ އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ އޭނާ ހުރި ދިމާލާ 10 ވަރަކަށް ފޫޓު ދުރުން މަސްތުވާތަކެތި ފެނިގެން ކަމަށްވާއިރު އެތަކެތީގެ ޒިންމާ އޭނާ އުފުލަންޖެހޭނެކަން ހެކީންގެ ހެކިބަހުން އެނގެން ނެތްކަމަށެވެ.
އޭނާ ވިދާޅުވީ ހޮނޑައިދޫ އަކީ ޔޮޓުޓުއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ ރަށެއް ކަމަށާއި ހޮނޑައިދޫން އޭނާ ހައްޔަރު ކުރި އިރު އެ ރަށް ބެލެހެއްޓުމަށް މުހައްމަދު ހަމްދާން ޒަކީއާ ވަނީ ހަވާލުކޮށްފައި ކަމަށެވެ. އަދި އެ ކަމުގެ އެގްރީމެންޓް ވެސް އޭނާ ވަނީ ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ.
ޖާބިރު ވިދާޅުވީ އެ މައްސަލަ ވީހާވެސް އަވަހަކަށް ކޯޓުން ނިންމައިދިނުމަށް އެދޭ ކަމަށާއި މާދަމާ އަޑުއެހުމެއް ބޭއްވިޔަސް ކޯޓަށް ވަޑައިގަތުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުން ކަމަށެވެ. އެގޮތުން އެ ޝަރީއަތުގެ މަޖިލީސް ބުދަ ދުވަހު ބާއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.