15 Dec 2013, 14:16
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓާ މުހައްމަދު ހުސައިން ޝަރީފު ދެކުނު އެފްރިކާއަށް ވަޑައިގެން، ރައީސް ނެލްސަން މަންޑޭލާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރައްވައިފި އެވެ.
ނެލްސަން މަންޑޭލާގެ ހަށިކޮޅު ބާއްވާފައިވާ ޔޫނިއަން ބިލްޑިންއަށް ހުސައިން ޝަރީފް ވަޑައިގެން، ނެލްސަން މަންޑޭލާގެ އާއިލާގެ ބޭފުޅުންނާއި ދެކުނު އެފްރިކާ ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ނަންފުޅުގައި ނެލްސަން މަންޑޭލާގެ އާއިލާގެ ބޭފުޅުންނަށާއި ދެކުނު އެފްރިކާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ތައުޒިޔާ ވިދާޅުވި އެވެ.
ނޯބަލް ޕީސް ޕްރައިޒް 1993 ވަނަ އަހަރު ލިބިވަޑައިގެންނެވި މަންޑޭލާ އަވަހާރަވީ އުމުރުފުޅުން 95 އަހަރުގަ އެވެ. މަންޑޭލާ އަވަހާރަވީ ފުއްޕާމޭގެ ކެންސަރަށް ހޮސްޕިޓަލުގައި ތިން މަސް ދުވަހު ފަރުވާ ހޯއްދެވުމަށް ފަހު، އިންޓެންސިވް މެޑިކަލް ކެއާގެ ހިދުމަތް ގޭގައި ބާއްވައިގެން ދެމުން ދަނިކޮށެވެ.
މަންޑޭލާގެ ޖަނާޒާ މިއަދުގެ ވަގުތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ޖަނާޒާގައި ދުނިޔޭގެ ގިނަ ގައުމުތަކެއް ވެރިންނާއި ގިނަ އަދަދެއްގެ އާއްމުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.