09 Dec 2010, 13:17
މެންބަރުން އުޒުރުތަކާހުރެ ޖޭއެސްސީގެ ކޮމެޓީ ޖަލްސާ އާއި ކޮމިޝަންގެ ހަ ވަނަ ޖަލްސާ ވެސް ކުރިޔަށްދާ ގޮތެއް ނުވުމުން ހުއްޓާލައިފި އެވެ.
އާންމުންގެ ފާޑު ކިޔުންތައް ވަރަށް ބޮޑަށް އަމާޒުވެފައިވާ ކޮމިޝަނުން އިއްޔެ ބާއްވަން މަސައްކަތް ކުރީ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމަށް އެކުލަވައިލި ޕެނަލްގެ ގެ ޖަލްސާއެކެވެ. ނަމަވެސް ކޯރަމް ހަމަނުވުމުން ޖެހުނީ ހުއްޓައިލާށެވެ.
ޕެނަލްގެ ބައްދަލުވުމަށް ވަޑައި ގެންނެވޭ ކަމަށް ދެންނެވީ ޑރ. އަހުމަދު އަލީ ސަވާދާއި އަހުމަދު ރަޝީދެވެ. މުހައްމަދު ފަހުމީ ހަސަން ވަޑައި ނުގަތީ ވަކި އެއްޗެއް ނާންގަވަ އެވެ.
ކޮމެޓީ ބައްދަލުވުން ނުބޭއްވި ދިއުމަށްފަހު މިއަދު ކޮމިޝަނުން މަސައްކަތް ކޮށްފައި ވަނީ ކޮމިޝަންގެ ޖަލްސާއެއް ބޭއްވުމަށެވެ. ނަމަވެސް މެންބަރުން އުޒުރުތަކާ ހުރެ، މެންބަރުން ހަމަ ނުވެގެން ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.
ފަހަކަށް އައިސް މެންބަރުންގެ އުޒުރުތަކާ ހުރެ ޖޭއެސްސީގެ އެއްވެސް ޖަލްސާއެއް ބޭއްވިފައެއް ނުވެއެވެ.