މިހާރު ކުރިއަށްދާ 21 ވަނަ ހިޓާޗީ އެމްބީއޭ ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުގެ ދެވަނަ މެޗުގައި ރޭ ގްރޫޕް އެކެއްގެ ޔޫއެން ފްރެންޑްސް (ޔޫއެންއެފް)އާ ވާދަކޮށް 69 ޕޮއިންޓުގެ ބޮޑު ތަފާތަކުން މޮޅުވެ ހަރިކޭން ބީސީ ގްރޫޕުގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލައިފި އެވެ.

ފުރަތަމަ ބުރުގައި މިދެ ޓީމު ވަދަކުރި މެޗު ވެސް ހަރިކޭން އިން ކާމިޔާބުކުރީ ތަފާތު ބޮޑު ނަތީޖާއަކުން ނެވެ. އެ މެޗުގައި ހަރިކޭން 116 ޕޮއިންޓް ހޯދާފައިވާއިރު ޔޫއެންއެފްއަށް ލިބުނީ 52 ޕޮއިންޓެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ 8:30ގައި ފެށި މެޗުގައި ހަރިކޭންއިން 132 ޕޮއިންޓު ހޯދިއިރު ޔޫއެންއެފަށް ހަމަކުރެވުނީ 63 ޕޮއިންޓެވެ. މި މެޗުގައި ހަރިކޭންގެ އިބްރާހީމް އަންފާލު ޝަރީފް 22 ޕޮއިންޓު ހޯދިއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ އަންފާލު އެވެ. ޔޫއެންއެފް އަށް މި މެޗުގައި އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 25 ޕޮއިންޓް ހޯދި ހަސަން ފާރިޝް އެވެ.

މި ނަތީޖާއާ އެކު ހަތަރު ޓީމު ވާދަކުރާ ގްރޫޕް އެކެއްގެ އެއްވަނައިގައި ހަރިކޭން އޮތީ ހަތް ޕޮއިންޓު ލިބިގެންނެވެ. ގްރޫޕުގެ ދެވަނައިގައި ހަ ޕޮއިންޓާއެކު ކްލަބު އީގަސް އޮތްއިރު ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ޔޫތު ސްޕޯޓްސް ކްލަބެވެ. އަދި ގްރޫޕުގެ ފުލުގައި ހަތަރު ޕޮއިންޓާއެކު އޮތީ ޔޫއެންއެފް އެވެ.

މި މުބާރާތުގައި މިއަދުވެސް ދެ މެޗު ކުޅޭނެ އެވެ. އެގޮތުން މިއަދު ހަވީރު 4:00ގައި ކުޅޭ މެޗުގައި ވާދަކުރާނީ އަށް ޕޮއިންޓާއެކު ގްރޫޕް ދޭއްގެ އެއް ވަނައިގައި އޮތް ރެޑްލައިން ކްލަބާއި ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރު ވަނައިގައި އޮތް ބީޖީ ސްޕޯޓްސް ކްލަބެވެ. އަދި މިރޭ 8:30ގައި ކުޅޭ މެޗުގައި ވާދަކުރާނީ މި ގްރޫޕުގެ ދެވަނައިގައި ހަތް ޕޮއިންޓާއެކު އޮތް ދިވެހި ސިފައިންގެ ކްލަބާއި ވީ ޔުނައިޓެޑް އެވެ.