ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެއާއަމަންގެ މަގާމަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް އިންތިހާބުކޮށްފި އެވެ.

އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަދި ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރަށްވާފައިވާ އިބްރާހީމް އިސްމާއީލް، ހޭންޑްބޯލް އެސޯސިއޭޝަންގެ ޗެއާމަންގެ މަގާމަށް އިންތިހާބުކުރީ ރޭ އެ އެސޯސިއޭޝަނުން ދަރުމަވަންތަ ސްކޫލްގައި ބޭއްވި އެސޯސިއޭޝަންގެ ޖެނެރަލް ކޮންގްރެސްގަ އެވެ.

ރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ކުޅިވަރެއް ކަމުގައިވާ ހޭންޑްބޯލްއަކީ އޮލިމްޕިކް ކޮމިޓީގައި ވޯޓު ދިނުމުގެ ހައްގު ލިބިފައވާ އެސޯސިއޭޝަނަކަށް ވާއިރު އެ އެސޯސިއޭޝާނަކި އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަނާއި އޭޝިއަން ހެންޑްބޯލް ފެޑެރޭޝަންގައި ވެސް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އެ ދެ ފެޑަރޭޝަންގެ މެންބަރު އެސޯސިއޭޝަނެކެވެ.

ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އިބްރާހީމް އިސްމާއިލް ވަނީ އެ ޖަމިއްޔާގެ މަގުސަތުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި ރާއްޖޭގައި ހޭންޑްބޯލް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތްކޮށް ކުރިއަށް އޮތްތާނގައި، ރާއްޖޭގައި ހޭންޑްބޯލް ކުރިއަރުވައި ޖަމިއްޔާގެ ހިންގުން އިތުރަށް ހަރުދަނާ ކުރަށްވާނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުމުގައި ހޭންޑްބޯލް އެސޯސިއޭޝަންގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުން ވެސް އޮތެވެ. އެގޮތުން 2014 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓަކީ 756230ރ އެވެ.

މީގެ އިތުރުން ރޭގެ އެ ޖަލްސާގައި ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯއަށް މެންބަރުން ހޮވުމާއި އަދި ހިންގާ ކޮމެޓީގެ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުންވެސް އޮތެވެ. ޖަމިއްޔާގެ ވައިސް ޗެއާޕާސަނަކަށް އަހްމަދު އިސްމާއީލް ހޮވުނުއިރު ޖެނެރަލް ސެކްރެޓަރީއަކަށް ހަމަޖެހުނީ އަހްމަދު މުޖްތަބާ އެވެ. އަދި އިންތިޒާން ސެކްރެޓަރީ އަކަށް މުހައްމަދު ޝަން ހޮވުނުއިރު އެ ޖަމިއްޔާގެ ހަޒާންދާރަކަށް ހޮވުނީ އަބްދުﷲ ސަލީމް އެވެ.

ޖަމިއްޔާގެ އެކްސްކޯގެ ފަސް މަގާމަށް ވެސް އެންމެ ފަސް މެންބަރުން ކުރިމަތިލާފައިވުމުން ވޯޓަކާ ނުލައި އެމަގާމު ތަކަށް ކުރިމަތީލީ މެންބަރުން ވަނީ ހޮވިފަ އެވެ. އެ ފަސް މެންބަރުންނަކީ އަލީ ނަސީރު، މުހައްމަދު އަފްޒަލް، މުހައްމަދު ޒަރީރު، އަހްމަދު މަރުޒޫގު އަދި މުހައްމަދު ލަތީފު އެވެ.