15 Dec 2013, 13:33
އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގުރޭޝަން (އައިއޯއެމް) އިން އިންތިޒާމުކޮށްގެން ފުލުހުންނާއި އިމިގެރޭޝަން އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހިއުމަން ޓުރެފިކިންއާ ބެހޭ ހަތަރު ދުވަހުގެ ޓްރެއިނިން ވޯކްޝޮޕެއް ފަށައިފި އެވެ.
މިމަހުގެ 15 އިން 19 އަށް ކުރިއަށް ގެންދާ މި ވޯކުޝޮޕްގައި އިންޓަނޭޝަނަލް ބެސްޓު ޕްރެކްޓިސްއާ އެއްގޮތަށް އިންވެސްޓިގޭޝަންތައް ކުރިއަށް ގެންދިއުމާއި ހިއުމަން ޓްރެފިކިންގެ ވިކްޓިމްއަކަށްވާ ފަރާތްތަކާ މެދު އަމަލުކުރާނެ އުސޫލުތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ޔޫއެސް ޑިޕާޓްމަންޓުން ފަންޑުކޮށްގެން ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ރާއްޖޭގައި ސެކްސް ޓްރެފިކިން އާއި ލޭބާ ޓްރެފިކިން ހާލަތަށް މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ވޯކްޝޮޕް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނާ ހުސެއިން ވަހީދު ވިދާލުވީ ހިއުމަން ޓްރެފިކިންގެ މައްސަލަ މިހާރުން މިހާރަށް ވެސް ހައްލެއް ބޭނުންވެފައިވާ ކަމަށެވެ. އަދި އެމައްސަލަ ހައްލު ކުރަން ފުލުހުންގެ ފަރާތުން ލިބެންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ރާއްޖޭގައި ހިއުމަން ޓްރެފިކިން މައްސަލަ މިވަގުތު އެންމެ ބޮޑީ އަންހެން ޕްރޮސްޓި ޓިއުންނާއި ސައްހަ ނޫން ނުވަތަ އެމީހެއްގެ މައުލޫމާތު ނެތް ލޭބަރުންގެ ތެރޭ ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދުނިޔޭގައި 21 މިލިއަނެއް މީހުން ހިއުމަން ޓްރެފިކިންގެ ވިކްޓިމްސްގެ ގޮތުގައި އެބަތިބި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހިއުމަން ޓްރެފިކިންގެ ސަބަބުން އަސަރު ކުރަނީ ހަމައެކަނި އިގުތިސާދަށް ނޫން ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ވެސް ނުރައްކާވެފައިވާ ކަމަށެވެ.
މިދޔަ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި "މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ" ބިލުގައިވާ ގޮތުން، ހިއުމަން ޓްރެފިކިންގެ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ހަތް އަރާއި 10 އަހަރާއި 15 އަހަރަށް ޖަލަށްލުމެވެ.