ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވިޔަސް، "މުލިއާގެ"އަށް އަންނަ އަހަރު ކުރަންޖެހޭ ހަރަދު އަށް ޕަސެންޓަށް ބޮޑުވާނެ ކަމަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުން ދައްކައިފި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދިރިއުޅުއްވި ރަސްމީ ގެކޮޅަށް ދައުލަތުގެ ބަޖެޓުން މިދިޔަ އަހަރު ހަރަދު ކޮށްފައި ވަނީ 23.6 މިލިއަން ރުފިޔާ އެވެ. އަދި މިއަހަރު ރިވައިސް ކުރަމުންދާ ބަޖެޓުން ރައީސްގެ ގެކޮޅަށް 17.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓުން ދައްކަ އެވެ. ރައީސްގެ ގެކޮޅަށް އަންނަ އަހަރު ކުރަންޖެހޭ ހަރަދު 19.1 މިލިއަން ރުފިޔާއަށް ބޮޑުވާނެ ކަމަށް ބަޖެޓުގައި ޖަހާފައިވާ ކަމަށް ކޮމެޓީގެ މެމްބަރުން ވިދާޅުވި އެވެ.

އެއީ މިއަހަރު މުލިއާގެއަށް ކުރި ހަރަދަށް ވުރެ އަށް ޕަސެންޓް އިތުރުވުމެކެވެ. އެގޮތުން އަންނަ އަހަރު އިތުރަށް 1.4 މިލިއަން ރުފިޔާ މުލިއާގެއަށް ހަރަދުވާނެ އެވެ.

ބަޖެޓް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވަން ނިންމަވާފައިވާއިރު، ކުއްލި ގޮތަކަށް އެކަނިކުފާނުގެ ރަސްމީ ގެކޮޅު މުލިއާގެއަށް ކުރަންޖެހޭ ހަރަދު ބޮޑުވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ރައީސް ޔާމީން ބޭނުންފުޅު ވެގެން ނިންމެވި ނިންމުމެއްތޯ ބަލަން ބޭނުންފުޅުވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ މިހާރު ދިރިއުޅުއްވަނީ އަމިއްލަ ގެކޮޅުގައި. މީޑިއާތަކުން އެބަބުނޭ ދައުލަތުގެ ހަރަދު ކުޑަކުރެއްވުމަށް ރައީސްގެ ވިސްނުންފުޅަކީ އެއީއޭ. އެހެންނަމަވެސް އަޅުގަނޑަކަށް މުޅިއަކުން އެކަން ގަބޫލެއް ނުކުރެވޭ. ކޮންމެ ވެސް ހިސާބަކުން ގަނޑުވަރަށް ބަދަލުވެވަޑައިގަންނަވާނެ. އަޅުގަނޑު ސުވާލު އުފެދެނީ އަމިއްލަ ގެކޮޅުގައި އުޅުއްވަން ގަސްތު ކުރައްވާއިރު، ކުރިއަށް ވުރެ ދެ މިލިއަން ރުފިޔާ ބޮޑުވެޔޭ މިހާރު ބަޖެޓުން ދައްކާ ގޮތުން،" ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

އިލްޔާސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ބަޖެޓް ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވީ އިންފުލޭޝަން މައްޗަށްދާއިރު ރައީސްގެ ގެކޮޅަށް ކުރަންޖެހޭ ހަރަދު ބޮޑުވުމަކީ "އެއީކީ މާބޮޑު ތަފާތެއް ދައްކާ ކަމެއް" ނޫން ކަމަށެވެ. އަދި ރައީސްގެ ގެކޮޅަށް ކުރަންޖެހޭ ހަރަދު އިތުރުކޮށްފައި ވަނީ ރައީސް ޔާމިން ބޭނުންފުޅުވެގެން ކަމަށް ގަބޫލު ކުރެވޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ގަސްތުކުރައްވާ ގޮތަކަށް [ގެކޮޅަށް] ބަޖެޓް އޮންނަންޖެހޭނެއެއް ނޫންތޯ. އޭގައި އިޝޫއެއް ނެތް. އަނެއްކާ އިންފުލޭޝަން މައްޗަށްދާއިރު، އެއިކީ މާބޮޑު ތަފާތެއް ދައްކާ ކަމެއް ނޫން ކަމެއް. ބަޖެޓް ފޮނުވާފައި މިއޮތީ ކެބިނެޓުން ވެސް ފާސްކޮށްގެން. އެނގިވަޑައި ނުގެތް އެކަން ލައްވާފައި އޮންނާނެހެން ހިއެއް ނުވޭ. އެހެންވީމަ އިތުރަށް ސުވާލު ކުރާނެ ޖާގައެއް ނެތް،" ބަޖެޓް ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

މުލިއާގެއަށް ކުރަންޖެހޭ ހަރަދު އަންނަ އަހަރު ބޮޑުވިޔަސް، ގެކޮޅުގައި ތިއްބަވާ މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާ ބަޖެޓް ކުޑަވާނެ ކަމަށް ބަޖެޓް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ހަމްދޫން ހަމީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއަހަރު ބަޖެޓުން މުލިއާގޭގެ މުވައްޒަފުންގެ ހަރަދަށް ހިނގަނީ 13 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އަންނަ އަހަރު އެ ގެކޮޅުގެ މުވައްޒަފުންގެ މުސާރައަށް ހަރަދު ކުރަންޖެހޭނީ 12 މިލިއަން ރުފިޔާ ކަމަށް ހަމްދޫން ހަމީދު ވިދާޅުވި އެވެ.

"ރައީސް ގިނައިން މަޑުކުރައްވާ އަވަހާރަފުޅު ލައްޕަވާތަނަކީ އަމިއްލަ ގެކޮޅަށް ވެދާނެ. މިއީ ސާފު ސީދާކޮށް އެނގޭ އެއްޗެއް. އެތަނަކު ސަރުކާރުގެ މަސައްކަތެއް ނުހިނގާނެ. އެ ހުރިހާ މަސައްކަތެއް ހިނގާނީ ރަސްމީ ގޭގައި. ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގައި ހިނގާނެ ތަފާތު މަސައްކަތްތަކެއް ހުންނާނެ. އެ ހިނގާ ގޮތަށް ހިންގާނެ. ރަސްމީ މަސައްކަތް ރަސްމީ ގެކޮޅުގައި ކުރިއަށް ދަންނާ އެ ހަރަދުތައް ހިނގާނެ،" އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ހަމްދޫން ހަމީދު ވިދާޅުވި އެވެ.