15 Dec 2013, 12:55
ސްޕެނިސް ލީގުގެ 16 ވަނައިގައި އޮތް އޮސަސޫނާ އަތުން 2-2 ގެ ނަތީޖާއަކުން ރަށުން ބޭރުގައި ރެއާލް މެޑްރިޑް އެއްވަރުވިއިރު އަމިއްލަ ދަނޑުގައި ނޭމާ ޖަހައިދިން ދެ ލަނޑުން 2-1 އިން ވިލަރެއާލް އަތުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
އޮސަސޫނާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުގައި އެޓީމުގެ ދެލަނޑު ވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެނިޝް ފޯވާޑް އޯރިއޮލް ރެއިރާ އެވެ. އެގޮތުން މެޗުގެ 16 ވަނަ މިނިޓްގައި އެޓީމަށް މެޗުގެ ކުރި ހޯދައިދިން ލަނޑު ކާމިޔާބު ކޮށްދިނުމަށް ފަހު 38 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް ރެއިރާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައިވަނިކޮށް އޮސަސޫނާގެ ރޮބާޓޯ ޓޮރޭޒް އަށް ހަމަލާ ދިނުމުގެ ސަބަބުން ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސްއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުން 10 ކުޅުންތެރިންނާއެކު މެޗުގެ ބާކީ ބައި ފުރިހަމަ ކުރަން ޖެހުނު ރެއާލް އަށް ހާފް ނިމުމުގެ ކުރިން ލަނޑެއް ކާމިޔާބުކޮށް އުންމީދު އާކޮށްދިނީ އިސްކޯ އެވެ.
ފަހަތުން އަރައި ރެއާލް އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 80 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޕެޕޭ އެވެ. ރޮނާލްޑޯއަށް ކުރި ފައުލަކާ ގުޅިގެން އޮސަސޫނާގެ ގާޓޯ ސިލްވާއަށް ވެސް ދެ ރީނދޫ ކާޑު ހަމަވެ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައިވާއިރު މެޗުގެ ފަހު 10 މިނިޓް އެޓީމުން ވެސް ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކު އެވެ.
ރެއާލްގެ މި މެޗަކީ އެޓީމުގެ ޕޯޗުގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމަށް ކުޅުނު 150 ވަނަ މެޗެވެ. ރޮނާލްޑޯ ވަނީ ރެއާލް އަށް މިހާތަނަށް 163 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
ރޭ ބާސެލޯނާގެ އަމިއްލަ ދަނޑުގައި ވިލަރެއާލްއާ ދެކޮޅަށް އެޓީމު ކުޅުނު މެޗުގެ 30 ވަނަ މިނިޓްގައި ބާސާގެ ފުރަތަމަ ލަނޑު ނޭމާ ކާމިޔާބުކުރީ އެޓިމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އަދި ދެވަނަ ހާފުގެ ތިން ވަނަ މިނިޓުގައި ވިލަރެއާލްގެ މަސޫޗިއޯ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައިވަނިކޮށް ޗެމްޕިއަންސް ލީގުގައި ސެލްޓިކް ކޮޅަށް ހެޓްރިކެއް ހެދި 21 އަހަރުގެ ބްރެޒިލް ފޯވާޑް ބާސާއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ 68 ވަނަ މިނިޓްގަ އެވެ.
މި ނަތީޖާ ތަކާއެކު ސްޕެއިން ލީގުގެ އެއްވަނައިގައި 43 ޕޮއިންޓާއެކު ބާސާ އޮތްއިރު 40 ޕޮއިންޓާއެކު ދެވަނަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑް އެވެ. އަދި އޮސަސޫނާއަތުން ލިބުނު ޕޮއިންޓާއެކު 38 ޕޮއިންޓު ހަމަކޮށް ރެއާލް އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. ވިލަރެއާލް އޮތީ 28 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގަ އެވެ.
ލަ ލީގާގައި ރޭކުޅުނު އެހެން މެޗުތަކަށް ބަލާއިރު ގްރެނޭޑާ ވަނީ ރަޔޯ ވަޔެކާނޯގެ ދަނޑުގައި އެޓީމު އަތުން 2-0 އިން މޮޅުވެފަ އެވެ. އަދި މަލާގާ ވަނީ އަމިއްލަ ދަނޑުގައި ގެތާފޭ އަތުން 1-0 އިން މޮޅުވެފަ އެވެ.