މިއަދު އެންމެ ގިނަ މީހުން ބޭނުންކުރަމުން އަންނަ އީމެއިލް ކްލަޔަންޓް ކަމަށްވާ ޖީމެއިލް ދޫކޮށްލައި އައުޓްލުކްޑޮޓްކޮމަށް ބަދަލުވާން ފަސޭހަކުރުމަށް ޓަކައި މައިކްރޮސޮފްޓުން އާ ޓޫލެއް ތައާރަފްކޮށްފި އެވެ.

މި ޓޫލް މައިކްރޮސޮފްޓުން ތައާރަފްކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި މިހާރު ޖީމެއިލް އެކައުންޓާ އައުޓްލުކް އެކައުންޓު ގުޅާލައި، ޖީމެއިލްގައި ހުރި އީމޭލްތަކާ ކޮންޓެކްޓްތަކާ ޖީ-ޗެޓްގައިވާ މެސެޖުތައް ސިންކްރޮނައިޒް ކޮށްލުމުން ޖީމެއިލްގައި ހުންނަ އެއްޗެތި އައުޓްލުކުން ވެސް ފެންނަ ގޮތަށް ހެދޭނެ އެވެ.

“މިހެން ހެދުމުން ޖީމެއިލް އީމެއިލްތައް އައުޓްލުކް އިންބޮކްސް އަށް އިމްޕޯޓުކުރެވޭ. އަދި ދެ އެކައުންޓު ވެސް ގުޅިފައި ހުންނާނީ. އެހެންވީމާ ގޫގުލް ކޮންޓެކްޓްތައް އޮޓޮމެޓިކުން އައުޓްލުން ފެންނަން ހުންނާނެ” މައިކްރޮސޮފްޓުން ބުންޏެވެ.

“އަދި އިންބޮކްސްގެ މައިގަނޑު، އޭގެ ތެރޭގައި ކިޔާފައި އަދި ނުކިޔާ ހުންނަ އީމެއިލްތައް ފެންނަގޮތަށް ހުންނާނީ. ޖީމެއިލް އެޑްރެހުން ‘ސެންޑް އޮންލީ’ އެކައުންޓަކަށް ވެސް މި ޓޫލް ބޭނުންކޮށްގެން ހެދޭ. މީގެ މާނަ އަކީ އެޓްޖީމެއިލްޑޮޓްކޮމް އެޑްރެސް ބޭނުންކޮށްގެން އައުޓްލުކުން އީމެއިލް ފޮނުވައި ހެދޭނެ” މައިކްރޮސޮފްޓުން ބުންޏެވެ.

މައިކްރޮސޮފްޓުން ދެކޭގޮތުގައި އާއްމުންގެ ތެރޭގައި “ޖީމެއިލްއާ މެދު ހިތްހަމަނުޖެހުމެއް ދަނީ އުފެދެމުން” ނެވެ. މީގެ އަސްލެއް ކަމަށް މައިކްރޮސޮފްޓުން ދައްކަނީ އިޕްސޮސް ކިޔާ ކުންފުންޏަކުން ހަދާފައިވާ މާކެޓް ރިސާޗެކެވެ. މި ރިސާޗުގައި ބުނާގޮތުން އީމެއިލް ބޭނުންކުރާ މީހުންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކު، އެނާ މިހާރު ބޭނުންކުރާ އީމެއިލްގެ ހިދުމަތް ދޫކޮށްލާފައި އެހެން ހިދުމަތަކަށް ދާން ތައްޔާރެވެ. ނަމަވެސް އެ ބަދަލަކީ ފަސޭހައިން ވެވޭ ބަދަލަކަށް ވާނަމަ އެވެ.