15 Dec 2013, 12:21
ތޫނިސްގެ ބޮޑުވަޒީރުކަމުގެ މަގާމަށް އިސް ކުރާނޭ ބޭފުޅަކާ މެދު ވެރިކަން ކުރާ އިސްލާމީ ޕާޓީ "އައްނަހްދާ" އާއި އިދިކޮޅު ސިޔާސީ ލީޑަރުންނަށް އެއްބަސްވުމަކަށް އައުދެވިއްޖެއެވެ.
މިހާރު ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ޢަލީ އަލްޢަރައްޔިޟްގެ ބަދަލުގައި، ދެން ބޮޑުވަޒީރުކަމާ ހަވާލު ވެވަޑައިގަންނަވާ ގޮތަށް ހަމަޖެހުނީ މަހްދީ ޖުމްޢާއެވެ. ޖުމްޢާ މިހައިތަނަށް ހުންނެވީ ސިނާއަތްތަކާ ބެހޭ ވަޒީރުގެ މަގާމުގައެވެ. އަންނަ އަހަރު ޢާއްމު އިންތިޚާބު ބޭއްވޭންދެން، ތޫނިސްގައި އޮންނާނީ ޖުމްޢާގެ ގިޔާދަތުގެ ދަށުގައި ގާއިމު ކުރެވޭ ވަގުތީ ސަރުކާރެކެވެ.
ހޮނިހިރު ދުވަހު ބޭއްވުނު ބައްދަލުވުމުގައި، އައްނަހްދާގެ ލީޑަރުންނާއި އިދިކޮޅު ލީޑަރުން ވަނީ ބޮޑުވަޒީރުކަމަށް ގެންނާނޭ ބޭފުޅަކު ކަނޑައެޅުމަށް ޓަކައި ހަ ނަމަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ.
2011 ވަނަ އަހަރު، ތޫނިސްގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ ޒައިނުލްޢާބިދީން ބިން ޢަލީގެ ސަރުކާރު ވައްޓައިލުމަށް ފަހު ބޭއްވުނު އިންތިޚާބު ކާމިޔާބު ކޮށްގެން، ތޫނިސްގެ ވެރިކަމަށް އައީ އިސްލާމީ ޕާޓީ އައްނަހްދާއެވެ.
ނަމަވެސް ލާދީނީ ޚިޔާލުގެ އިދިކޮޅު ޕާޓީތަކުން ވަނީ އިދިކޮޅު ދެ ލީޑަރަކު ގަތުލު ކޮށްލެވުނު ހާދިސާ ބަހަނާއަކަށް ހަދައިގެން، އައްނަހްދާގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ. ވަގުތީ ސަރުކާރަކާ ވެރިކަން ހަވާލު ކޮށް، އައު އިންތިޚާބަކަށް އައްނަހްދާ އެއްބަސް ވެފައި ވަނީ މުޒާހަރާތަކާ ގުޅިގެންނެވެ.
ވެރިކަން ވަގުތީ ސަރުކާރަކާ ހަވާލު ކުރާން އައްނަހްދާ ޕާޓީން ނިންމައިފައި ވަނީ ތޫނިސް ލޭއޮހޮރުވުންތަކެއްގެ ތެރެއަށް ގެންދާން ބޭނުން ނުވާތީއެވެ. އަވަށްޓެރި މިޞުރުގައި ޑިމޮކްރަޓިކް މިއުލާޖެއްގެ ތެރެއިން ގާއިމު ކުރެވުނު އިސްލާމީ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ލާދީނީ ޖަމާއަތްތަކާއި ލާދީނީ ފިކުރުގެ މީހުން އެކައްޗެއް ކިޔައިގެން ފެށި ހަރަކާތްތަކަށް އިސްލާމީ ސަރުކާރު ދީލައިނުލުމުގެ ނަތީޖާއެއްގެ ގޮތުން، އިލްމާނީން ވަނީ އިސްލާމީ ސަރުކާރު ވައްޓައިލައި، އިސްލާމީ ލީޑަރުން ހައްޔަރުކޮށް، މުސްލިމުންގެ އެތައް ހާސް ބަޔަކު މަރައި މުޅި މިޞުރު ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވައްޓައިލައިފައެވެ.
މި އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ގަތުލު ކޮށްލެވުނު އެންމެ މުހިއްމު އިދިކޮޅު ލީޑަރަކީ އިލްމާނީ ޚިޔާލުގެ، ވައަތު ފިޔައިގެ ބޭފުޅެއް ކަމަށް ވާ ޝުކްރީ ބިލާޔިދެވެ. އޭނާ ގަތުލު ކޮށްލީ ކޮން ބައެއްކަން އެނގިފައެއް ނުވެއެވެ.
އިދިކޮޅު ލާދީނީ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ބިލާޔިދް ގަތުލު ކޮށްލީ ތޫނިސްގެ ހަރުކަށި މުސްލިމުންގެ ޖަމާއަތެއްގެ މީހުންނެވެ. އަނެއްކޮޅުން، ބިލާޔިދްގެ ގާތިލުންނަކީ އިލްމާނީން ކަމަށާއި، އޭނާ ގަތުލު ކޮށްލުމުގެ ބޭނުމަކީ އިސްލާމީ ސަރުކާރާ ދެކޮޅަށް ތެދު ވާން ބަހަނާއެއް ހޯދުމާ އެކު، އޭނާއާ ވާދަވެރި ސިޔާސީ ފަރާތްތަކުން އެމީހުންގެ ވާދަވެރިޔަކު ނެއްތައިލުން ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.