15 Dec 2013, 11:53
ސްޕެއިން ފޯވާޑް ފެނާންޑޯ ޓޮރޭޒް އާއި ބްރެޒިލް މިޑްފީލްޑަރު ރަމިރޭޒް ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 2-1 އިން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައަށް ޗެލްސީ ކުރިއަށް ޖެހިލައިފި އެވެ.
ޗެލްސީގެ މި މޮޅާއެކު އެޓީމުވަނީ، ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާ ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށްފަ އެވެ. އެގޮތުން އިއްޔެ ހަވީރު މެންޗެސްޓާ ސިޓީ އަތުން 6-3 އިން ބަލިވި އާސެނަލް ތަވަލުގެ ކުރީގައި 35 ޕޮއިންޓާއެކު އޮތްއިރު ޗެލްސީ އަށް ވަނީ 33 ޕޮއިންޓު ލިބިފަ އެވެ. ތާވަލުގެ ތިން ވަނަނައިގައި އޮތީ 32 ޕޮއިންޓާއެކު ސިޓީ އެވެ.
މެޗުގެ ކުރީ ކޮޅުގައި ކްރިސްޓަލް ޕެލަސްއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ޓީމުގެ ގޯލް ޗެލްސީއަށް ހުޅުވާލަ ދިނީ މެޗުގެ 16 ވަނަ މިނިޓްގައި ޓޮރޭޒް އެވެ. ބްރެޒިލް މިޑްފީލްޑަރު ވިލިއަން ޕެލަސްގެ ގޯލަށް ފޮނުވާލި ބާރު ހަމަލާ ގޯލްގެ ދަނޑީގައި ޖެހިފައި ބޭރަށް ނުކުތް ވަގުތު ޓޮރޭޒް ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވައިލާފަ އެވެ. މިއީ ޕްރިމިއާ ލީގުގައި މިސީޒަންގައި ޓޮރޭޒް ކާމިޔާބު ދެވަނަ ލަނޑެވެ.
ޕެލަސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 29 ވަނަ މިނިޓުގައި އެޓީމުގެ މޮރޮކޯ ފޯވާޑް މަރުއާނީ ޗަމަކް އެވެ. މިއީ ޖެހިޖެހިގެން ތިން ލީގު މެޗުގައި ޗަމަކް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް އޭގެ ހަ މިނިޓް ފަހުން އެޑިން ހަޒާޑު ތަނަވަސްކޮށްދިން ފުރުސަތަކުން ރަމިރޭޒް ވަނީ މި ސީޒަންގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލީގު ލަނޑާއެކު ޗެލްސީ އަށް ދެވަނަ ފަހަރަށް މެޗުގައި ކުރި ހޯދައިދީފަ އެވެ.
މި ނަތީޖާއާ އެކު އަންނަ ހަފުތާގެ ހޯމަ ދުވަހު އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ޗެލްސީއަށް ތާވަލުގެ ކުރި ހޯދޭނެ އެވެ.
"އަހަރެން ގަބޫލެއް ނުކުރަން ޗެލްސީއަކީ ޓައިޓްލް އަށް ވާދަކުރާ ޓީމު ތަކުގެ ތެރެއިން ވަކ ވަރުގަދަ ޓީމެއް ކަމަކަށް. އެހެން ޓީމުތައްވެސް މިދަނީ ވަރަށް ވާދަވެރިކޮށް. ދެން އާސެނަލްއާ ޗެލްސީ ކުޅޭ މެޗު ތަކަކީ އަބަދުވެސް ވަރަށް ފޯރި ގަދަ މެޗުތަކެއް،" ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބީބީސީ އަށް ބުންޏެވެ.
އިގިރޭސި ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކާޑިފް އަތުން 1-0 އިން ވެސްޓްބްރޮމް ވަނީ ބަލިވެފަ އެވެ. 4-1 އިން ފުލަމް އަތުން އެވަޓަން މޮޅުވިއިރު ނިއުކާސަލް ވަނީ 1-1 އިން ސައުތުހެމްޕްޓަންއާ އެއްވަރު ވެފަ އެވެ. އަދި ވެސްޓް ހޭމްއާއި ސަންޑަލޭންޑް، ހަލްސިޓީއާއި ސްޓޯކް ސިޓީ ކުޅުނު މެޗުތައް ވެސް ލަނޑެއް ނުޖެހިވަނީ އެއްވަރު ވެފަ އެވެ.