15 Dec 2013, 11:22
ގއ. ކަނޑުހުޅުދޫ ކައުންސިލް އިދާރާއާއި ކޯޓު ފަޅާލައި އެދެތަނުގެ ތިޖޫރީން ލައްކައަކަށް ވުރެ ވަގަށް ނަގައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި ކައުންސިލް އިދާރާގެ އުތުރު ފަރާތު ދޮރު ހަލާކުކޮށްލައިގެން ވަދެ ތިޖޫރީގައި ހުރު 65،000ރ. ވަގަށް ނަގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކޯޓުގެ އިތުރު ފަރާތުގެ ކުޑަދޮރުތަކުގައި ޖަހާފައި ހުރި ތޭރިތައް ހަލާކުކޮށްލައިގެން ވަދެ އެތަނުގެ ތިޖޫރިން ވެސް ގާތްގަނޑަކަށް 40،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އޭގެއިތުރުން މޫނުނިވާކޮށްގެން ތިބި ބަޔަކު އެރަށުގެ ހަތަރު ގެއެއްގެ ދޮރުހަލާކުކޮށްލައިގެން ވަދެ އެގެތަކަށް އެކިވަރުގެ ގެއްލުން ދީފައިވާ ކަމަށް ވެސް ރިފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަހަކަށް އައިސް އެރަށުގައި ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާތީ އެރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމް ކުރުމަށް ތަކުރާރުކޮށް ހޯމް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް ކައުންސިލްގެ އެދުމަށް ހޯމް މިނިސްޓްރީން މިހާތަނަށް އިޖާބަދީފައި ނުވާ ކަމަށެވެ.
"ހޯމް މިނިސްޓްރީގައި ތަކުރާރުކޮށް އަޅުގަނޑުމެން ދަންނަވައިފިން. ނަމަވެސް އަދިވެސް މިރަށުގައި ފުލުހުންގެ ޚިދުމަތްދޭން ނުފަށާ. ރަށުގެ ރައްޔިތުން މިތިބީ ބިރުވެރިކަމެއްގެ ތެރޭގައި،" ރިފާއު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަނޑުހުޅުދޫ ކައުންސިލް އިދާރާ އާއި ކޯޓުން ގިނައަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.