09 Dec 2010, 12:38
"އައި ފްރޮމް ޒިއޯން"ގެ ނަމުގައި ރާއްޖެ އައިސް އުޅޭ އިޒްރޭލްގެ ޑޮކްޓަރުން ޓީމުގެ އެ ޕޮއިންޓްމަންޓްތައް ކުއްލި ގޮތަށް ފަސްކޮށްފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބް މިއަދު ވިދާޅުވީ "އައި ފްރޮމް ޒިއޯން"ގެ އެ ޕޮއިންޓްމަންޓްތައް ފަސްކޮށްފައިވަނީ އެ ޓީމުގެ ޑޮކްޓަރުންގެ ރަޖިސްޓްރޭޝަން އަދި މިހާތަނަށް ހަމަޖެހިފައި ނުވާތީ އެވެ. ނަމަވެސް އަންނަ ހޮނިހިރު ދުވަހާ ހަމައަށް އެމީހުންގެ އޮޕޮއިންޓްމަންޓްތައް އަލުން ފަށައި ގަނެވޭނެވަރު ވާނޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކެންސަލް ކުރީ އެ މީހުންނަށް ދެއްކުމަށް 215 ފަރާތަކުން އެޕޮއިންޓްމަންޓް ހަދާފައި ވަނިކޮށެވެ.
ކުއްލި ގޮތަކަށް "އައި ފްރޮމް ޒިއޯން" ގެ ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ތައް ކެންސަލް ކުރީ ހަތް މެންބަރުންގެ ޓީމުގައި ހިމެނޭ ހަތަރު ޑޮކްޓަރުން މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށްފައި ނުވާ ކަމަށާއި އެ ކައުންސިލުގައި ރަޖިސްޓްރީނުކޮށް ހޮސްޕިޓަލުގައި ބަލި މީހުން ނުބެލޭނެ ކަމަށް ބުނެ ރާއްޖޭގެ ބައެއް އިސް ޑޮކްޓަރުން މިއަދު އައިޖީއެމްއެޗަށް ފާޑުކިޔާފައި ވަނިކޮށެވެ.
މީގެ އިތުރުން އިޒްރޭލް ޑޮކްޓަރުންނަކީ ފަލަސްތީނުގައި މުސްލިމުންނަށް އަނިޔާކުރާ ބައެއް ކަމަށާއި މިވަގުތު ރާއްޖެ އައިސް އުޅޭ އެ ގައުމުގެ ޑޮކްޓަރުންގެ ޓީމާ މެދު ފަރުވާތެރިވުމަށް އަދާލަތު ޕާޓީން ވެސް ގޮވާލާފައި ވަނިކޮށެވެ.
ލޮލުގެ އޮޕަރޭޝަނަށް ބޭނުންވާ އާލާތްތައް ވެސް ހިފައިގެން އައި އިޒްރޭލްގެ "އައި ފްރޯމް ޒިއޯން" ޓީމް ހަފުތާ ވަންދެން އައިޖީއެމް އެޗްގައި މަސައްކަތް ކުރާ ގޮތަށް އޮތީ ހަމަޖައްސާފަ އެވެ.
އިޒްރޭލްގެ ޑޮކްޓަރުންގެ ޓީމް "އައި ފްރޮމް ޒިއޯން"ގެ ނަމުގައި މަސައްކަތް ކުރާއިރު އެ އެމީހުން ބޭނުން ކުރާ "ޒިއޯން" އަކީ އަލް ގުދުސަށް ޔަހޫދީން ކިޔައި އުޅޭ ނަމެކެވެ. ޔަހޫދީންގެ ސިޔާސީ ބައިގަނޑެއް ކަމުގައިވާ "ޒަޔަނިސްޓުންގެ" ނަން ނަގާފައިވަނީ "ޒިއޯން" މި ބަހުންނެވެ.
"އައި ފްރޮމް ޒިއޯން" އަކީ 2007 ވަނަ އަހަރު އިސްރާއީލުގެ ވިޔަފާރި ވެރިއެއްކަމަށްވާ ނާތީ މާކަސް އުފެއްދެވި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމާއަތެކެވެ.
މިޖަމާއަތުގެ މަގުސަދު ތަކުގެ ތެރޭގައި ސިއްހީ ހިދުމަތައް ބޭނުން ޖެހިފައިވާ ގައުމުތަކަށް ބޭހާއި ޑޮކްޓަރުންގެ ޓީމްތައް ފޮނުވުމާއި އިސްރާއީލުގެ ދައުލަތައް ރީތި ނަން ހޯދައިދިނުން ހިމެނެ އެވެ. މި ޖަމާއަތް އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އިސްރާއީލުގެ ދައުލަތުގެ ގަބޫލުކުރުންތަކާ އެއްގޮތަށެވެ.