ކްރޮއޭޝިއާ ފޯވާޑް މަރިއޯ މަންޒުކިޗްއާއި ޖަރުމަން މިޑްފީލްޑަރު މާރިއޯ ގޮޓްޒާ ޖަހައިދިން ދެ ލަނޑާއެކު 3-1 އިން ހެމްބާގާ އެސްވީ ބަލިކޮށް ބަޔާން މިޔުނިކް ޖަރުމަނު ލީގުގައި މެޗަކުން ބަލިނުވެ 41 މެޗު ހަމަކޮށްފި އެވެ.

ހުސްވި ހަފްތާގެ މެދު ތެރޭގައި މެންޗެސްޓާ ސިޓީ އާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުން ބަލިވި ނަމަވެސް ބަޔާން ވަނީ، ހެމްބާގް އަތުން ހޯދި ކާމިޔާބާ އެކު، ޖަރު މަނު ލީގު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓަށް ލީޑު ފުޅާ ކޮށްފަ އެވެ.

މި ނަތީޖާއާ އެކު ޖަރުމަނު ލީގުގެ އެއްވަނައިގައި ބަޔާން އޮތީ 44 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ބަޔާ ލެވަކޫސަން 37 ޕޮއިންޓާއެކު އޮތްއިރު ތިން ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ލިބިފައިވަނީ 32 ޕޮއިންޓެވެ.

ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ބަޔާން އަށް ކުރި ހޯދައިދިނީ މެޗުގެ 42 ވަނަ މިނިޓްގައި މަންޒުކިޗް އެވެ. އަދި ދެވަނަ ހާފު ފެށިގެން ހަތް ވަނަ މިނިޓުގައި ގޮޓްޒާ ލަނޑެއް ކާމިޔާބުކޮށް ބަޔާންއަށް ނަތީޖާ ފުޅާ ކޮށްދީފައިވާ އިރު ހެމްބާގަށް މެޗުގައި ޖެހުނު ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 87 ވަނަ މިނިޓުގައި ޕިއެރޭ މައިކަލް ލަސާގޯ އެވެ. މެޗު ނިމެމުން ދަނިކޮށް ބަޔާންގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޓީމުގެ ސްވިސް މިޑްފީލްޑަރު ޒާޑަން ޝަގީރީ އެވެ.

ޖަރުމަނު ފުޓްބޯޅައާއި ޔޫރަޕްގެ ފުޓްބޯޅައިގެ ވެސް އެންމެ އުހުގައި ބަޔާން ފިޔަޖަހަމުން ދާއިރު މި ފަދަ ކާމިޔާބެއް 1976 އާއި 1987އާއި ދެމެދުގައި ހެމްބާގުން ވެސް ވަނީ ހޯދައިފަ އެވެ. އެގޮތުން އެޓީމުން ވަނީ އެ މުއްދަތުގެ ތެރޭގައި ޖަރުމަން ލީގު ތިން ފަހަރު، ޔޫރަޕިއަން ކަޕް އެއްފަހަރު، ޔޫރަޕިއަން ކަޕްވިނާސް ކަޕް އެއްފަހަރު އަދި ޖަރުމަނު ކަޕް ދެފަހަ ހޯދައިފަ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާއިރު ހެމްބާގަށް ޖުމުލަ 16 މެޗު ކުޅެގެން ލިބުނު 16 ޕޮއިންޓާއެކު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ.