15 Dec 2013, 11:17
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކު އޭނާގެ މުސާރަ އާއި އެލަވަންސްގެ ފައިސާގެ ޗެކްތަކަށް ބަދަލު ގެނެސް ގަވާއިދާ ހިލާފަށް ހަ ލައްކަ ރުފިޔާ ދައުލަތުގެ ބަޖެޓުން ހޯދައިފައިވާ ކަމަށް އެ ކޯޕަރޭޝަންގެ އޮޑިޓުން ދައްކައިފި އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސޮއިކުރައްވާ މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ 2011ގެ އޮޑިޓް ރިޕޯޓްގައި ވިދާޅުވެފައި ވަނީ އެ ކުންފުނީގެ ބޯޑުގެ މެމްބަރަކު އެ ކުންފުނީގެ ފައިސާއަށް ހިޔާނަތް ތެރިވެފައިވާ ކަމަށް އޮޑިޓްގައި ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ މެމްބަރެއްގެ ނަމެއް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެ އެވެ.
އެގޮތުން އެ މެމްބަރު ހަ ލައްކަ ރުފިޔާ އިތުރަށް ނަގާފައި ވަނީ އޭނާގެ މުސާރަ އާއި އެލަވަންސްގެ ޗެކްތަކުގެ ތެރެއިން ހަތް ޗެކަކަށް ބަދަލު ގެނެސްގެން ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވެ އެވެ. އަދި ކުންފުނީގެ ފައިސާއާ ބެހޭ ކަންކަމާ ހަވާލުވެ ހުންނެވި ބޭފުޅެއްގެ ހައިސިއްޔަތުން މުސާރަ އާއި އެލަވަންސްތަކުގެ ޗެކްތައް ލިޔެފައިވާ ފަރާތަކީ ވެސް އެ މެމްބަރުކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކުރައްވައިފައިވެ އެވެ.
އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި އެ ކުންފުނިން އެންޓި ކޮރަޕްޝަންސް ކޮމިޝަނަށާއި ފުލުހުންގެ އިދާރާއަށް ވެސް ހުށަހަޅައިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެކަމުގައި އިހުމާލުވެފައިވާ އެންމެހާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
ދައުލަތުގެ އެންމެ މުވައްޒަފެއްގެ އަތް މައްޗަށް ފައިސާ ހުރިހާ ކަމެއް ދޫކޮށްލުމަކީ ހިޔާނާތަށް މަގު ފަހިވެގެންދާނެ ކަމެއް ކަމުގައިވާތީ އެ ކަމަށް ދައުލަތުގެ މުއައްސަސާތައް ހިންގާ ފަރާތްތަކުން ސަމާލުވުމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެ ކުންފުނީގެ ނައިގަނޑު މަގުސަދަކީ އިގުތިސާދީ ތަރައްގީ އާއި އިޖުތިމާއީ ދުޅަހެޔޮ ކަމަށް މަގު ފަހިވާ ފަދަ ގޮތަކަށް ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމްކުރުން ކަމުގައިވާއިރު ކުންފުނި އުފެދުނީއްސުރެ އެ ކުންފުނިން މައިގަނޑު ގޮތެއްގައި ކުރަމުން އައި ހަރަދަކީ އެ ކުންފުނީގެ ބޯޑުގެ މެމްބަރުންނާއި މުވައްޒަފުންނަށް މުސާރަ އާއި އެލަވަންސް ދިނުން ކަމަށް އޮޑިޓާ ޖެނަރަލް ވިދާޅުވެފައިވެ އެވެ. އަދި އެ ކުންފުނި އުވާލުމަށް 2011 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން އަންގާފައިވީ ނަމަވެސް އެކަންތައް އެގޮތަށް ކުރުމަށް ނުފަންނަ ކަމަށް ރައީސް އޮފީހުން ލަފާދީފައި ވާތީ ކުންފުނި އުވާލާފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެކުންފުނި އުފެއްދުމަށް 1.5 ބިލިއަން ރުފިޔާ ދައުލަތުން ހޭދަކޮށްފައިވާއިރު އެކުންފުނި އުފެއްދި މަގުސަދު ހާސިލްވަމުންނުދާއިރު އެ ކުންފުނި ދެމެހެއްޓުމަށްޓަކައި ދައުލަތުން ހަރަދުކުރުމަކީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުން ކަމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.