ގއ. ކަނޑުހުޅުދޫ އުމުރުން ދުވަސްވީ މީހެއްގެ ގެއިން 10،000ރ. ވަގައްނަގައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ރިފާއު ރަޝީދު ވިދާޅުވީ އެ ފައިސާތައް ވަގަށް ނަގާފައިވާކަން އެނގުނީ ހުކުރު ނަމާދަށް ފަހު އެމީހާ ގެއަށް ދިއުމުން ކަމަށެވެ. އޭނާ ވިދާޅުވީ އެފައިސާތަކަކީ 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުންދޭ ފައިސާގެ ތެރެއިން އެމީހާ ރައްކާކޮށްފައިވާ ފައިސާތަކެއް ކަމަށެވެ.

"އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުން ދެއްވާފައިސާގެ ތެރެއިން އެމީހާ އަށް ލިބިފައިވާ ފައިސާގެ ތެރެއިން ރައްކާކޮށްފައިވާ 10،000ރ. ވަގަށް ނަގާފައި ވަނީ. އެ ފައިސާތައް ވަގަށް ނެގިކަން އެނގުނީ އެމީހާ ހުކުރު ފައިބައިގެން ގެއަށް ދިޔުމުން،" ރިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭގެއިތުރުން ހަމަ އެދުވަހު އެރަށު ސްކޫލްގެ އާ އިމާރާތުގެ މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފުންނަށް ބިރުދައްކައި އެމީހުން ފޯނުތައް ވެސް ބަޔަކު ފޭރިގެންފައިވާ ކަމަށެވެ. މިދިޔަ ހަފްތާގެ ތެރޭގައި އެރަށުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރުމަށް ތަކެތި ރައްކާކުރުމަށް ހަދާފައިވާ ގުދަން ފަޅާލައި ކަރަންޓު ސާމާނާއި އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން ދުވަސްވީ މީހެއްގެ ގެއިން ފައިސާތަކެއް ފޭރުނު މައްސަލައާއި ގުދަނަކުން ވައްކަން ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.