އަންނަ އަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ކުޅުމަށް ބްރެޒިލްގައި ތައްޔާރު ކުރަމުން އެރީނާ އެމޭޒޯނިއާ ނުވަތަ މަނާއުސް ސްޓޭޑިއަމްގެ ފުރާޅުމަތިން ވެއްޓި އެތަނުގެ ކޮންސްޓަރަކްޝަން މަސައްކަތްކުރަމުން ގެންދިޔަ މީހަކު މަރުވެއްޖެ އެވެ.

އުމުރުން 22 އަހަރުގެ މާކްލިއުޑޯ ޑި މެލޯ ފެރެއިރާ ކިޔާ ކޮންސްޓްރަކްޝަން މަސަކައްތު މީހަކު ހޮނިހިރު ދުވަހު އެރީނާ އެމޭޒޯނިއާ ސްޓޭޑިއަމްގެ ފުރާޅުމަތިން (35 މީޓަރު މަތިން) ވެއްޓި މަރުވެފައިވާކަން ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކުންނާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)އިން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

"އެރީނާ އެމޭޒޯނިއާ ސައިޓުގައި ހިނގި މަރުގެ ހާދިސާ ފީފާ އާއި ލޯކަލް އޯގަނައިޒިން ކޮމިޓީ (އެލްއޯސީ) އިން އަޑުއެހީ ވަރަށް ފުން ހިތާމައާ އެކީގައި،" ފީފާއިން ނެރުނު ބަޔާނެއްގައި ވެއެވެ. "އެ މަރުހޫމުގެ އާއިލާއަށާއި ގާތްތިމާގެ މީހުންނާއި ރަހްމަތަތެރިންނަށް ވަރަށް އިހްތިރާމާއެކު ފީފާއިން ތައުޒިޔާ ކިޔަން."

މަރުގެ މި ހާދިސާއަކީ ވޯލްޑްކަޕަށް ބްރެޒިލްގައި ތައްޔާރު ކުރަމުން ގެންދާ 12 ސްޓޭޑިއަމްގެ މަސައްކަތުގައި އުޅެނިކޮށް މަރުވި ފަސް ވަނަ މީހާ އެވެ. މިފަދަ ހާދިސާ ތަކާ ގުޅިގެން ގިނަ ފަރާތްތަކަކުން ގެންދަނީ ބްރެޒިލްގައި އަންނަ އަހަރު ބޭއްވޭ ވޯލްޑްކަޕްގެ ސަލާމަތީ ކަންތައްތަކާ ދޭތެރޭގައި ސުވާލު އުފައްދަމުންނެވެ.

މަނާއުސް އާއި ބްރެސީލިއާ ސްޓޭޑިއަމްގައި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާރި ނޮވެމްބަރު 27 ވަނަ ދުވަހު ސައޮޕޯލޯ ސްޓޭޑިއަމްގައި ކެރޭނެއް ފުރޮޅާލައިގެން ވެއްޓި ހިނގި ނުރައްކާތެރި ހާދިސާގައި ދެ މީހަކު ވަނީ މަރު ވެފަ އެވެ.

ދެކުނު އެމެރިކާގައި 1978 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ތައްޔާރު ކުރަމުން އަންނަ ސްޓޭޑިއަމްތައް ވަގުތަށް ނުނިމުމާއި އަދިވެސް އެނޫން ތަފާތު ދަތިތަކެއް ދަނީ ކުރިމަތި ވަމުންނެވެ. އެގޮތުން މިފަދަ ނުރައްކާތެރި ހާދިސާތައް މެދުވެރި ވުމާއި، ހަރަދު ބޮޑުވުމާއި އާންމުންގެ ރުޅިވެރިކަމުގެ ސަބަބުން ބްރެޒިލް 2014 އަށް ވަނީ ތަފާތު ގޮންޖެހުންތައް މެދުވެރިވެފަ އެވެ.

މަނާއުސް ސްޓޭޑިއަމްގައި ވޯލްޑް ކަޕްގެ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު އެ ދަނޑުގައި މިފަހަރު ކުރިން ވޯލްޑްކަޕު ކާމިޔާބުކޮށްފައިވާ ދެޓީމު ކަމަށްވާ އިޓަލީއާއި އިންގްލެންޑުގެ ކުރިމަތިލުމެއް އޮންނާނެ އެވެ.

ހުސްވި ހަފްތާގައި ފީފާގެ ރައީސް ސެޕް ބްލެޓާ ވަނީ، މުބާރާތް ފެށެންވާއިރަށް ހުރިހާ ތައްޔާރީ ތަކެއްވެ ނިންމުމަށް ބްރެޒިލްގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ.