15 Dec 2013, 10:30
ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތައް ކުރުމަށް ދިގު މުއްދަތަށް ދޫކޮށްފައި ހުރި ރަށްތަކާއި ފަޅުތަކުގެ ތެރެއިން ބައެއް ރަށްތަކުގެ މުއްދަތު އިތުރު ކުރަން ސަރުކާރުން ނިންމައިފި އެވެ.
ވެލާނާގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މުއްދަތު އިތުރުކޮށްދޭނީ ސަރުކާރުން އެކަމަށް ކަނޑައެޅި އުސޫލުތަކެއްގެ ދަށުން ކަމަށާއި އިތުރުކޮށްދޭނީ ގިނަވެގެން 21 އަހަރަށް ކަމަށެވެ.
"މިހާރު ސަރުކާރުން ނިންމަވާފައި އޮތީ ދިގު މުއްދަތަށް، މަސްވެރިކަމާ ދަނޑުވެރި ކަމަށް ދޫކޮށްފައި ހުރި ފަޅު، ފަރު ނުވަތަ ފަޅުރަށްތަކުގެ ތެރެއިން މުއްދަތު ހަމަވާން ކައިރިވެފައި ހުރި ތަންތަން، އެބޭފުޅުން ކޮށްފައި ހުރި އިންވެސްޓްމެންޓްތަކާ، ދެން އަދިވެސް އެހެން އަޅުގަނޑުމެން ބަލާ އުސޫލުތަކެއްގެ ދަށުން، ދަނޑުވެރިކަމާ ބެހޭ ގާނޫގެ 11 ވަނަ މާއްދާގެ ދަށުން މިނިސްޓަރަށް ލިބޭ އިހުތިޔާރުގެ ދަށުން އިތުރުކޮށްދިނުމަށް،" ޑރ. ޝައިނީ ވިދާޅުވި އެވެ.
ރަށްތަކުގެ މުއްދަތު އިތުރުކުރުމަށް ކަނޑައަޅާ އުސޫލުތައް މުޅިން ނިންމާލާނީ ރަށްތައް ކުއްޔަށް ހިފައިގެން އުޅޭ ބައެއް ފަރާތްތަކާ އެކު މިއަދު ބާއްވަވާ ބައްދަލުވުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.
"...މައިގަނޑު އުސޫލުގައި ހިމެނޭ ކަންތައްތައް އަޅުގަނޑުމެން މިހާރު މިހިރީ ނިންމާލާފައި. އޭގެ ތެރެއިން އެއް ކަމަކީ، މުއްދަތު އިތުރުކޮށްދެވޭ ރަށަކީ ނުވަތަ ފަޅަކީ މިހާރުގެ އެގްރިމެންޓްގެ ދަށުން އެކަށީގެންވާ ވަރަކަށް ވޯކްޕްލޭންގައިވާ ގޮތުގެ މަތިން މަސައްކަތް ކުރާ ތަނަކަށް ވުން. ދެން މުއްދަތުގެ 85 ޕަސެންޓް ހަމަވެފައި ވުން،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަށްތަކާއި ފަޅުތަކުގެ މުއްދަތު އިތުރުކޮށްދޭން ސަރުކާރުން ނިންމީ ކަންތައްތައް ކުރުމުގެ ފުރުސަތު ވީހާ ވެސް ބޮޑަށް ހުޅުވާލުމަށް ކަމަށެވެ. އަދި ވިދާޅުވީ އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވީހާވެސް ބޮޑަށް ފުރުސަތުދޭން ސަރުކާރުން ބޭނުންވާ ކަމަށެވެ.
މުއްދަތު އިތުރުކޮށްދޭ ރަށްތަކުން ނަގާނީ ކުރިން ދޫކޮށްފައި ހުރި ރޭޓުން ނޫން ކަމަށާއި ފަޅުރަށްތައް މިހާރު ދޫކުރާ އަގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.