އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހު ހަވީރު ތާވަލުގެ ކުރީގައި އޮތް އާސެނަލް 6-3ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް މެންޗެސްޓާ ސިޓީ އިނިގިރޭސި ޕްރިމިއާ ލީގު ތާވަލުގައި އާސެނަލްއާ ތިން ޕޮއިންޓާ ގާތަށް ޖެހިލައިފި އެވެ.

ޖުމުލަ ނުވަ ލަނޑު ފެނިގެންދިޔަ ފޯރިގަދަ މެޗުގެ 14 ވަނަ މިނިޓުގައި ސިޓީއަށް ކުރި ހޯދައިދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ސަޖިއޯ އަގުއެރޯ އެވެ. އެހެން ނަމަވެސް އޭގެ 17 މިނިޓް ފަހުން އާސެނަލްގެ ތިއޯ ވޮލްކަޓް ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ 39 ވަނަ މިނިޓްގައި އެޓީމުގެ ސްޕެއިން ފޯވާޑް އަލްވާރޯ ނެގްޑޯ އެވެ.

ދެވަނަ ހާފު ފެށިގެން ފަސް ވަނަ މިނިޓްގައި ސިޓީގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެނާންޑިނިއޯ އެވެ. އޭނާ ވަނީ މި މެޗުގައި ސިޓީއަށް ދެ ލަނޑު ޖަހައިދީފަ އެވެ. ސިޓީން ލަނޑެއް ޖެހިތާ 13 މިނިޓްފަހުން ވޮލްކަޓް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އާސެނަލްއަށް މެޗުގެ ނަތީޖާ 2-3 އަށް ކުޑަކޮށްދީފަ އެވެ. 63 ވަނަ މިނިޓުގައި ސިޓީ އަށް ނަތީޖާ އިތުރަށް ފުޅާކޮށްދިނީ ޑޭވިޑް ސިލްވާ އެވެ. އަދި 88 ވަނަ މިނިޓްގައި ފެނާންޑީނިއޯ އޭނާ މި މެޗުގައި ޖެހި ދެވަނަ ލަނޑު ކާމިޔާބުކުރިތާ ދެ މިނިޓް ފަހުން އާސެނަލްގެ މަޓެސެކާ ލަނޑެއް ކާމިޔާބު ކޮށް ނަތީޖާ 5-3 އަށް ކުޑަކުރި ނަމަވެސް މެޗު ނިމެމުން ދަނިކޮށް ސިޓީއަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޔާޔާ ޓޫރޭ އެވެ.

މި ނަތީޖާއާ އެކު ސިޓީއަށް ވަނީ، ލީގުގައި 16 މެޗު ކުޅެގެން 32 ޕޮއިންޓު ލިބި ތާވަލުގެ ދެވަނަ ލިބިފަ އެވެ. 35 ޕޮއިންޓާއެކު އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތްއިރު 33 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތީ ޗެލްސީ އެވެ.
މިއީ މެންޗެސްޓާ ސިޓީ އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ފަދަ ތަފާތު ބޮޑު ނަތީޖާއެއް ތަކުރާރު ކުރި ދެވަނަ މެޗެވެ. އެގޮތުން ނޮވެމްބަރު 24 ވަނަ ދުވަހު އެޓީމު ވަނީ، 6-0 އިން ޓޮޓެންހަމް ހޮޓްސްޕާ ވެސް ބަލިކޮށްފަ އެވެ.

ސިޓީގެ ކޯޗު މެނުއަލް ޕެލެގްރިނީ ބުނީ، ރޭގެ މެޗުގައި އޭނާގެ ޓީމަށް ހަ ލަނޑަށް ވުރެ ގިނަ ލަނޑު ޖަހައި ނަތީޖާ މިއަށްވުރެވެސް ފުޅާ ކުރެވުނީސް ކަމަށެވެ.

އާސެނަލްގެ ކޯޗު އާސީން ވެންގާ ބުނީ، ސިޓީ އަތުން ބަލިވި ނަމަވެސް ލީގު ޓައިޓްލް ކާމިޔާބުކުރުމަށް އެޓީމު ކުރަމުން ގެންދާ މަސައްކަތަށް ބިރެއް ނެތްކަމަށާއި، ސިޓީއަކީ ވެސް ވަކި ވަރުގަދަ ޓީމެއް ނޫން ކަމަށެވެ.